ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ފަދަ އިސްލާހެއް ހުށަހަޅައިފި

ސިޔާސީ ޕާޓީތައް ހިންގާ އެންމެ އިސް މީހާގެ އުމުރަކީ 65 އަހަރުން ދަށުގެ އުމުރުގެ މީހަކަށް ހަދަން އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފައިލް ފޮޓޯ

ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރައީސްކަން ގެއްލޭ ފަދަ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަދު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އުމުރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެންމެ މަތީ އުމަރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ އިސްލާހު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުމުގައި އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކު ހުންނެވި ކަމަށްވާ ނަމަ އެ ބޭފުޅެއް އެ މަގާމުން ވަކިވާނެ ކަމަށެވެ.

އެގޮތަށް އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭނެ އެވެ. ރައީސް މައުމޫނުގެ އުމުރުފުޅަކީ 77 އެވެ.

ގާނޫނު އަސާސީއަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ އުމުރަކީ ވެސް 65 އަހަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އާޒިމް ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނަށް އެފަދަ އިސްލާހެއް އޭނާ ހުށަހެޅުއްވީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއި ސިޔާސީ ޕާޓީތަކުގެ ގާނޫނު އެއްގޮތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް