ކަޅުއޮއްފުންމި ބަންނަ ކުރެދިތަކުގައި ރޯކޮށްލަން މަސައްކަތްކޮށްފި

ކަޅުއޮއްފުންމި ބަނުމަށް ފަށަން ބަހައްޓަނީ-- ސަން ފޮޓޯ: އަޒްމީތު

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮއްފުންމިއާ އެއްގޮތަށް އުޅަނދެއް ބަނުމަށް ހދ. ނޭކުރެންދޫގައި އެއްކޮށްފައި ހުރި ކުރެދިތަކުގައި ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފި އެވެ.

ނޭކުރެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިޒާން 'ސަން' އަށް މިއަދު ވިދާޅުވީ އެ ރަށުގައި ކަޅުއޮއްފުންމި ބަނުމަށް ގެނެސްފައި ހުރި ކުރެދިތަކުގައި ބަޔަކު ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ހުޅު ހިފުމުގެ ކުރިން ނިވާލާފައިވާ ކަމަށެވެ.

"އެވަގުތު އެތާތިބި ސެކިއުރިޓީން، ކުރެދިތަކުގައި ހުޅު ހިފުމުގެ ކުރިން ނިވާލާފައި ވަނީ،" ކައުންސިލުގެ ރައީސް ސިޒާން ވިދާޅުވި އެވެ.

ކުރެދިތަކުގައި ރޯކޮށްލަން މަސައްކަތް ކުރީ ކޮންބައެއްކަން ނޭނގޭކަން ފާހަގަކުރައްވައި ސިޒާން ވިދާޅުވީ އެކަމަށް ޝައްކު ކުރެވޭ މީހަކު ވެސް އެނގިނުލައްވާ ކަމަށެވެ.

ކަޅުއޮއްފުންމި ބަނުމަށް ފަށަން ބަހައްޓަނީ-- ސަން ފޮޓޯ: އަޒްމީތު

ނޭކުރެންދޫ ކައުންސިލުން ވަނީ ހަމަ އެވަގުތު ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެވަގުތު ފުލުހުން އައިސް އެތަން ބަލައި ފާސްކުރި ކަމަށް ވެސް ނޭކުރެންދޫ ކައުންސިލުން ބުންޏެވެ.

ފުލުހުން ބުނީ ރޭ ފަތިހު 4:15 އެހާކަންހާއިރު ނޭކުރެންދޫގައި ކުރެދިތަކެއްގައި ރޯކޮށްލައިގެން ރިޕޯޓޫކޮށްފައިވާ ކަމަށެެވެ. އަދި މާބޮޑުގެއްލުމެއް ނުވާ ކަމަށާއި މިހާރު ފުލުހުން އެ މައްސަލަ ބަލަމުން އައްނަ ކަމަށެވެ.

ކަޅުއޮއްފުންމިއަކީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް ޓަކައި އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑި އެވެ.

އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާއަށް އަރައެ ވެ.

comment ކޮމެންޓް