އަނިޔާގެ ސަބަބުން އަސަދުﷲ އާއި ހޮކޭ ނުހިމަނައި ގައުމީ ޓީމް ފިލިޕީންސަށް ފުރައިފި

ފިލިޕީންސަށް ދިއުމަށްޓަކައި ގައުމީ ޓީމް މަލެއިން ފުރާއިރު އެފްއޭއެމްގެ ބައެއް އިސްވެރިން ކުޅުންތެރިންނާ ސަލާމް ކުރަނީ ---- ފޮޓޯ/ އެފްއޭއެމް

އަނިޔާގެ ސަބަބުން މާޒިޔާގެ އަސަދުﷲ ޢަބްދުﷲ އާއި ނިއު ރޭޑިއަންޓްގެ މުޙައްމަދު ރަޝީދު (ހޮކޭ) ނުހިމަނައި ގައުމީ ޓީމް ޕިލިޕީންސަށް ދާން ފުރައިފި އެވެ.

މިއަދު ފިލިޕީންސަށް ފުރި ގައުމީ ޓީމްގައި އަސަދުﷲ ޓީމަށް ނުހިމެނި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ކޯޗްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އުފަލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް (އިންމަ) ބުނީ ހޮކޭ އާއި އަސަދުﷲ ޓީމްގައި ނުހިމެނީ ދެ ކުޅުންތެރިންގެ ފަލަމަސްގަޑަށް ލިބުނު އަނިޔާއާއި ގުޅިގެން މުޅިން ފިޓް ނުވަނީސް ކުޅެފި ނަމަ އަނިޔާ އިތުރަށް ބޮޑުވެދާނެތީ ކަމަށެވެ.

"ޓީމަށް އެންމެ ފައިދާ ހުރިގޮތަކީ އެ ދެ ކުޅުންތެރިން ނުގެންދިއުން، އަނެއްކާ ޗައިނާގެ މެޗަށް ފަހު ޕްރެޒިޑެންޓް ކަޕް ވެސް ކުރިއަށް އެބައޮތް. އެހެންވެ އެކުޅުންތެރިން ލައްވައި ކުޅެފި ނަމަ އަނިޔާ ބޮޑުވެދާނެތީ ރިސްކެއް ނަގަން ބޭނުން ނުވީ،" އިންމަ ބުންޏެވެ.

އަސަދުﷲ އާއި ހޮކޭއަށް ޓީމްގައި ބައިވެރި ނުވެވުނު ނަމަވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރިލީސް ނުލިބުމުން ޓީމްގައި ބައިވެރި ނުވެވުނު ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ)އާއި ވައިސް ކެޕްޓަން މުޙައްމަދު ޢަރިފު ބަކާ ޓީމްގައި ހިމެނުމަކީ ލިބުނު ބޮޑު ހިތް ހަމަޖެހުމެއް ކަމަށް އިންމަ ބުންނެވެ.

އަސަދުﷲ އަށް އެންމެ ފުރަތަމަ އަނިޔާވީ ޖޫން މަހު ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗްގަ އެވެ.

އޭގެ ފަހުން އޭނާއަށް ގިނަ މެޗްތަކެއް ވަނީ ގެއްލިފަ އެވެ. މިމަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޓީމްގައިވެސް އޭނަ ބައިވައިވެރިއެއް ނުވެ އެވެ.

ފިލިޕީންސަށް މިކުރާ ދަތުރުގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ބައިނަލްއަގުވަމީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށް ވެސް ދިވެހި ޓީމުން މެޗެއް ކުޅޭނެ އެވެ.

އެގައުމުގެ ފުރަތަމަ ޑިވިޝަންގެ ސްޓެލިއޯން އެފްސީއާ ދެކޯލަށް ކުޅޭ މެޗް އަންނަ ހޮނިހިރު ދުވަހު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ބައިނަލްއަގުވަމީ ރަހުމަތް ތެރިކަމުގެ މެޗް ކުޅުމަށް ހަމަޖެހިފައި ވަނި އަންނަ މަހު ތިން ވަނަ ދުވަހު އެވެ.

އެދުވަހަކީ ފީފާއިން އިންޓަނޭޝަނަލް މެޗްތައް ކަމަށް ކަނޑައަޅާ ތަރިޚެއް ކަމުން މިމެޗް ފީފާ ރޭންކިން އެކުލަވާލާއިރު ގުނާނެވެ.

އެމެޗަށް ފަހު ޓީމް ޗައިނާއަށް ދާން ފުރަނީ ފިލިޕީންސް މަގުންނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ޗައިނާ ކުޅޭ މެޗް އޮންނާނީ މިއަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

comment ކޮމެންޓް