އަނެއްކާ ވެސް މިސްކިތްދޮށަށް ފެންބަލާ ދާން ފަށައިފި!

ފުރުގާން މިސްކިތު ފެން އިސްކުރު ބަރިން ފުޅިއަކަށް ފެން އަޅައިގެން މީހަކު ފެން ގެންދަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ފެން ބަޑިޔާ ހިފައިގެން މިސްކިތު ވަޅުދޮށަށް ފެންބަލާ ދިއުމަކީ ކުރިން އޮތް އަދި މިހާރު ފޮހެވިފައިވާ އާދައެކެވެ. ވަޅުތައް އުވާލައި އިސްކުރު ބަރިތަކެއް ގާއިމްކޮށް، ފެންނަގާ ދާނި އިސްކުރަށް ބަދަލުކޮށް އެޒަމާން އެވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އެމަންޒަރު އެހެން ގޮތަކަށް ތަކުރާވާތަން މިވަނީ ފެންނަން ފަށައިފަ އެވެ. ބަޔަކު ނާޖާއިޒު ފައިދާއެއް ނަގަނީ އެވެ. ކުރިން މިސްކިތު ވަޅު ދޮށަށް ފެންބަލާދާހެން މިހާރު މިވަނީ ވެރިރަށް މާލޭގެ މިސްކިތްތަކުގެ ފެން އިސްކުރުތަކުން އަމިއްލަ ބޭނުމަށް ފެން ބަލާދާން ފަށައިފަ އެވެ. މިއީ މިއަދު އާންމުވެފައިވާ ކަމެކެވެ.

"ޝަހީދު އަލީ މިސްކިތަށް ތަންކޮޅެއް ދަންކޮށް އިޝާނަމާދަށް ދިޔަ ދުވަހަކު މަ ވުޟޫ ކުރަން މިސްކިތު އިސްކުރު ބަރިކައިރީގައި އޮށްވައި މީހަކު އައިސް ރީނދޫ ހަން ބަހައްޓައިގެން އެއޮށް ފެން އަޅަނީ، ފެން އަޅާ ނިމުނީމާ އެހަން އެގެންދިޔައީ ޓެކްސީއަކަށް އަރުވައިގެން." މިސްކިތުން ފެންގެންދާ މަންޒަރު ފެނުނު އާދަމް މުހައްމަދު ބުންޏެވެ.

މިސްކިތު ފެންއިސްކުރު ބަރިއަކުން މީހަކު ފުޅިއަަށް ފެން އަޅަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން

މިސްކިތްތަކުން އެގޮތަށް ފެންގެންދާ މަންޒަރު ސަންގެ ނޫސްވެރިންނަށް ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފެނިފަ އެވެ. އެގޮތުން ފަސް ލީޓަރު ފުޅިފުޅިއަށާއި ކައްކާ ތެޔޮ ހުސްކުރި 20 ލީޓަރުގެ ރީނދޫ ހަންތަކަށް މިސްކިތު އިސްކުރުބަރިތަކުން ފެން އަޅައިގެން ގެންދާ މަންޒަރުވަނީ ފެނިފަ އެވެ. އެކަމުގައި ދިވެހިންނާއި ބިދޭސީން ވެސް ޝާމިލްވެ އެވެ. އެގޮތަށް ފެންގެންދާ މަންޒަރު ގިނައިން ފެންނަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ.

އިބްރާހިމް މިސްކިތުގެ އިމާމް ހަސަން ޒާހިރު ވިދާޅުވި ގޮތުގައި މާލޭގެ ބައެއް މިސްކިތްތަކުން ފުޅިފުޅިއަށް އަޅައިގެން ފެންގެންދިއުމަކީ ވަރަށް އާންމުކަމެއް ކަމަށާއި އެކަން ގިނައިން ކުރަނީ ބިދޭސީން ކަމަށެވެ.

"އެކަން އެގޮތަށް ހިނގާ އިނގޭތޯ ބައެއް މިސްކިތްތަކުގައި. ވަރަށް ގިނަ މިސްކިތްތަކުގައި ހިނގާ ކަމެއް އެއީ، ދެން އަޅުގަނޑުމެންނަށް ވާގޮތަކީ އިމާމެއްގެ ހައިސިއްޔަތުން ބުނެލުން އިންނަނީ، އަނެއްހެން މާބޮޑު ބާރެއް އަޅުގަނޑުމެންނަކަށް ނީންނާނެ ހުއްޓުވާކަށް." ޒާހިރު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ބޭނުމަށާއި ފެންވަރާ ހެދުމަށް ވެސް އެގޮތަށް ފެންގެންދެ އެވެ. އަދި ސައިކަލް ދޮވުންފަދަ ކަންކަމަށް ވެސް އެގޮތަށް ފެންގެންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ސަބަބު ޔަގީންނުވިޔަސް އެނގޭހާ ވެސް އެއްޗަކީ މިކަން އިންތިހާއަށް އާންމު ކަމެވެ.

ފުރުގާން މިސްކިތުގެ ވުޟޫކުރާ ފެންއިސްކުރު ބަރި-- ސަން ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވި ގޮތުގައި އެގޮތަށް މިސްކިތްތަކުން ފެން ގެންދިއުމަށް އެއްވެސް މިސްކިތަކުން ހުއްދަ ދީފައިނުވާނެ ކަމަށާއި އެއީ "ބޮޑު މަނާކަމެއް" ކަމަށެވެ. މާލޭގެ ބައެއް މިސްކިތްތަކުގެ ފެންބިލް އާދަޔާއި ހިލާފަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން ޝަހީދު އަލީ މިސްކިތަކީ ފެންބިލް ބޮޑު މިސްކިތެއް ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުން އަމިއްލަ ބޭނުމަށް ފެންގެންދާ މައްސަލަ ބޮޑުވެފައިވާ އިރު މިހާރު ވެސް މާލޭގެ މިސްކިތްތަކުން ވަނީ ފެނަށް ދަރައިފަ އެވެ. ސިޓީ ކައުންސިލުން މިސްކިތްތައް ބެލެހެއްޓި އިރު ފެންބިލްތައް ނުދައްކާތީ މާލޭ މިސްކިތްތަކުގެ ފެންބިލް 7.5 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އެ ބިލް ދައްކާނެ ގޮތަކާގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާއިރު ފެންބިލް ކުޑަކުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުން މިފަދަ ކަންކަން ހުއްޓުވަންޖެހެ އެވެ.

އަމިއްލަ ބޭނުމަށް މިސްކިތްތަކުން ފެންގެންދާ މައްސަލަ ބަލައި އެކަމަށް ހައްލެއް ގެނައުމަށް އިސްލާމިކް މިނިސްޓްރީގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް ނިންމަން ޖެހޭ ކަންކަން ނިންމުމަށް މިއަދު މަސައްކަތް ފަށާނެ ކަމަށާއި މީގެ ފަސޭހަ ހައްލަކަށްވެގެން ދާނީ އާންމުން އެކަމަށް ހޭލުންތެރިވުން ކަމަށް ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.

"ކޮންމެ މިސްކިތެއްގައި އަނެއްކާ ސެކިއުރިޓީއެއް ބަހައްޓަންވެއްޖެއްޔާ ހާދަ ވަޒީފާތަކެއް އުފައްދަން ޖެހޭނީ އެއީ ފަސޭހަ ކަމެއް ނޫން. ކުރެވޭނެ ކަމަކީ އާންމުން ހޭލުންތެރިކުރުން،" ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގެ ފެންބިލް ބޮޑުކަން ފާހަގަ ކުރެވޭއިރު މިއީ ބިލްބޮޑުވުމުގެ އެއް ސަބަބެވެ. މިސްކިތްތަކުގެ ފެންއިސްކުރު ބަރިއަކީ ނަމާދަށްދާ މީހުން ވުޟޫ ކުރަން ހުންނަ ތަނަކަށްވާ އިރު އެތަންތަނުން އާންމުން ފެންގެންދާ އިސްކުރު ބަރިއަކަށް ހެދުމުން ބިލަށް ވާނެގޮތް ވިސްނާލާށެވެ.

މީހުން ފެންގެންދިއުމުގެ އިތުރުން މާލޭގެ ބައެއް މިސްކިތްތަކުގެ އިސްކޫރުތަކުގެ ހާލަތު ހުރި ގޮތުން ވެސް އިންތިހާއަށް ފެން އިޝްރާފްވެ އެވެ. ބައެއް އިސްކުރު ބަރިތަކަކީ ފަސޭހަ ގޮތަކަށް ފެން ދިއުން ހުއްޓުވޭ އިސްކުރުތަކެއް ނޫނެވެ. އަނެއްބައި އިސްކުރުތަކުގެ ހާލަކީ އަބަދުހެން ފެންތިކިޖަހަޖަހާ ހުރުމެވެ. އެހެން ކަމުން ފެން ބިލް ކުޑަކުރަން ބޭނުން ނަމަ މިކަންކަމަށް ސަމާލުކަން ދޭންޖެހެ އެވެ.

މިސްކިތްތަކަށް ވަދެ އެމިސްކިތްތަކުގެ އިސްކޫރު ބަރިތަކުން ފެން އަޅައިގެން އެހިފައިގެން ދިއުން އާންމުވެފައިވާ އިރު މިއީ ރަނގަޅަކަށް ދީފައިވާ ހިދުމަތެއްގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން ނޫން ކަމަކަށް ނުވާނެ އެވެ. މިކަން ހުއްޓުވަންޖެހެ އެވެ.

comment ކޮމެންޓް