ދަގަނޑޭއާއި ޢިމްރާން، ޕޮޕޯފް ދިފާއުކުރާއިރު އެނޫން ކުޅުންތެރިން ރައްދުދީފި

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ގަތަރު ބައްދަލު ކުރި މެޗްގެ ކުރިން ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ގޯލް ކީޕަރު ޢިމްރާން މުޙައްމަދު. އެމެޗަކީ ޕޮޕޯފްގެ ކޯޗްކަމުގެ ދަށުގައި ރާއްޖޭ ކުޅުނު ފުރަތަމަ ރަސްމީ މެޗް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަހްލާގީ މައްސަލަތަކެއްގައި ދާދިފަހުން ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ކަމުން ދުރަށްދާން ޖެހުނު ބަލްގޭރިޔާގެ ކޯޗު ވެލީޒާ ޕޮޕޯފްގެ ދިފާއުގައި ފާޅުގައި އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި ޓީމްގެ ގޯލް ކީޕަރު ޢިމްރާނު މުޙައްދާއި ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ހިމެނެއެވެ. ކޯޗު ކޮށްފައިވާ ކަންތަކުގެ ތެރޭގައި އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ ކަންކަން ހުރިކަމަށް ގައުމީ ފުޓްބޯޅައިގެ މައި އިދާރާއިން ބުނުމާ އެކު އެވާހަކަތަކަށް އެންމެ ފުރަތަމަ ރައްދު ދިން ދެ ކުޅުންތެރިންނަކީ ވެސް ކެޕްޓަން ދަގަނޑޭ އާއި ކީޕަރު އިމްރާނެވެ.

މި ދެކުޅުންތެރީން ކޯޗުގެ ދިފާއުގައި ނުކުތް ނަމަވެސް، ޓީމުގެ ގިނަ ކުޅުންތެރީންނަށް މިފަހަރު ކޯޗުގެ ފަރާތުން ފެނުނު ކަންތައްތައް ބަަލައިގަންނަން އުނދަގޫވިކަން އެ ކުޅުންތެރީންގެ ވާހަކަތަކުންނާއި އަމަލުތަކުން އެނގެއެވެ.

މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ ދަގަނޑޭގެ ބުނެފައި ވަނީ ކޯޗްކަމުން ވެލިޒާ ޕޮޕޯފް ވަކިކުރުމަކީ އެފްއޭއެމް އިން ނިންމި ރަނގަޅު ނިންމުމެއް ނޫންކަމަށެވެ. އަދި ކޯޗަށް އިތުރަށް ވަގުތުދޭން ޖެހޭ ކަމަށް ދަގަނޑޭ ގަބޫލުކޮށް ޓުވީޓްކުރި އެވެ.

މީގެ އިތުރުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު، ކޯޗާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ އެފަދަ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ކަންތަތައްތަކެއް ނޫން ކަމަށް ވެސް ދަގަނޑޭ ބުންޏެވެ.

ގައުމީ ކެޕްޓަން އޭނާގެ ފޭސްބުކް މެދުވެރިކޮށް މި ވާހަކަތައް ދެއްކީ ކޯޗު މަގާމުން ވަކިކުރިތާ އެންމެ 24 ގަޑިއިރު ވެސް ނުވަނީހެވެ. އަދި އޭނާގެ ފަހަތުން ގޯލްކީޕަރު ޢިމްރާން މި ވާހަކަތަކަށް ބާރުދީ އަމިއްލަ ފޭސްބުކުގައި ޢިމްރާނުގެ ހިޔާލުފާޅުކުރި އެވެ.

ޓީމުގެ އެހެން ކުޅުންތެރިންނާ މިކަމާމެދު ދެކޭގޮތް ހޯދަން ޖެހުނީ ވެސް މި ދެ ކުޅުންތެރިން ނެރުނު ދިގު ބަޔާންތަކާ ގުޅިގެންނެވެ. އަދި ޓީމުގެ ގިނަ ކުޅުންތެރިން މިހާތަނަށް އެއްވެސް އެއްޗެއްނުބުނެ މަޑުމަޑުން ތިބުމުންނެވެ.

ނަން ނުޖަހަން ޝަރުތުކޮށް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކު މިއަދު ބުނީ ޕޮޕޯފް ކޯޗްކަމުން ވަކިކުރުމުން "ހިތް ހަމަނުޖެހިގެން އުޅެނީ ތިންހަތަރު" ކުޅުންތެރިއެއް ކަމަށެވެ.

އެހެންވިއްޔާ ގައުމީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ދަގަނޑޭ އާއި އިމްރާނު ހިތްހަމަނުޖެހުނީ ކީއްވެ ހެއްޔެވެ؟ މި ދެ ކުޅުންތެރިންނަކީ ޓީމުގެ މައި ދެ ތަނބެވެ. އަދި އެއީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓަށް ޕޮޕޯފް ކޯޗްކޮށްދި އިރު ނިއުގައި ވެސް އެންމެ ނަގާ ކިޔަންތިބި ދެކުޅުންތެރިންނެވެ. ޢިމްރާންއަކީ އޭރު ނިއުގެ ކެޕްޓަނެވެ.

ގައުމީ ޓީމަށް އައުމަށްފަހު ވެސް ދަގަނޑޭއާ ޢިމްރާން ހިމެނޭ ގޮތަށް ތިން ހަތަރު ކުޅުންތެރިންނާ ޕޮޕޯފް ހާއްސަ ގުޅުންތަކެއް ބޭއްވި ކަން ވަނީ އެނގިފަ އެވެ. އެކުޅުންތެރިންގެ ޕާސަނަލްކަންމުގެ ތެރެއަށް ޕޮޕޯފް ވަދެގަތީ އެއްވެސް ހުރަހެއް ނެތި އެވެ. އެކުޅުންތެރިންގެ އަނބިންގެ ބާތުޑޭ ސެލަބަރޭޝަންތަކާއި އެހެނިހެން މެހެފިލްތަކުގައި ޕޮޕޯފް ބައިވެރިވަމުން ދިޔަ އެވެ. އެހެންވެ ކޯޗުގެ ޕާސަނަލް ކަންކަމުގެ ތެރެއަށް ވެސް ކުޅުންތެރިން ދިޔައީ ވަންނަމުންނެވެ.

"އެކުޅުންތެރިންނާއި ކޯޗާއި އުޅޭ ގޮތުން ހީވަނީ ޓީމްތެރޭގައި ވަކި ގޭންގެއް ހަދައިގެން މަސައްކަތް ކުރާހެން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވަހަކަ ދެއްކި ގައުމީ ޓީމުގެ ކުޅުންތެރިޔާ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ހުރެ ކުޅުންތެރިންނާ އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަ ދެއްކުން

މިފަހަކަށް އައިސް ޕޮޕޯފްއާ ގުޅޭގޮތުން ފެންމަތިވި އެންމެ މަޝްހޫރު ވާހަކައަކީ "ގުރޫޕް ގައުމީ ޓީމް"ގެ ނަމުގައި ގައުމީ ޓީމްގެ ކުޅުންތެރިން ހިމެނޭ ވައިބާ ގުރޫޕެއްގައި ދައްކާފައި ހުރި ވާހަކަތަކެވެ.

އެ ވައިބާ ގުރޫޕްގައި ކޯޗާއި ކުޅުންތެރިންނާ ދައްކާފައި ހުރި ބައެއް ވާހަކަތައް ހިމެނޭ ސްކްރީން ޝޮޓްތައް މިހާރުވަނީ ސޯޝަލް މީޑީއާއަށް ތިލަވެ ދައުރުވާން ފަށާފަ އެވެ. މީގެ ބައެއް ސްކްރީން ޝޮޓްތައް ސަން އަށް ވެސް ލިބިފައި އެބަހުއްޓެވެ.

ޕޮޕޯފް ކުޅުންތެރިންނާ ދައްކާފައި ހުރި ވާހަކަތަކަކީ ޕްރޮފެޝަނަލް ކޯޗްއްގެ ކިބައިން ފެނިގެންވާނެ ކަންކަން ނޫނެވެ. އެއީ ފުޓްބޯޅައިގެ އެއްވެސް ވާހަކައެއް ދައްކާފައި ނެތުމުންނެވެ.

ކޯޗާއި ކުޅުންތެރިންނާ ދެމެދު އޮންނަން ޖެހޭ ފަރުދާ ކަޝްފުވެ އަހްލާގީ ހަމަތައް ވަނީ ގެއްލިފަ އެވެ. ޒުވާން އަންހެން ކުދިންގެ "ނާޒުކު ގުނަވަންތައް' ކުޅުންތެރިންގެ ވައިބާ ގުރޫޕްގައި ސޭލްއެޅުވިފައި ހުރީ ހަމަ ޕޮޕޯފްގެ ވައިބާގެ އައިޑީއިންނެވެ.

އެގޮތުން ކިޔުންތެރިނާ މިފަދަ ބައެއް ވަހަކަތައް ހިއްސާކޮށްލާނެމެވެ. ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ތެރޭގައި ހަށިގަނޑުގެ ނިވާކަންކުޑަކޮށް އަދި ބަނގުރާ ފުޅިތަކެއް ހިމެނޭ ފޮޓޯއެއް 'ގުރޫޕް ގައުމީ ޓީމް'ގައި ޝެއާ ކުރުމަށް ފަހު ޕޮޕޯފް ބުނެފަ އިނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކާމިޔާބު ކުރުމަށް ފަހު ޓީމްގެ ޗޭންޖިން ރޫމްގައި އޮންނާނީ މިހެން ކަމަށެވެ.

ނަމަވެސް އެހެނެ ކުޅުންތެރިޔަކު "ދިސް އިޒް ހަރާމް" އޭ ބުނުމުން ޕޮޕޯފް ބުނެފައި ވަނީ ފުޓްބޯޅައިގައި ހަރާމް ކަމެއް ނޯންނާނޭ ކަމަށެވެ. މިއީ ފަހަރެއްގައި އެކަންކުރުމުގެ ނިޔަތުގައި ބުނި އެއްޗެއްކަމަށް ނުވެދާނެ އެވެ.

ނަމަވެސް ކޯޗެއްގެ މަގާމުގައި ހުރި މީހަކު ކުޅުންތެރިންނާ މިފަދަ ގޮތަކަށް ވާހަކަ ދައްކާނަމަ މަސްއޫލިއްޔަތު އަދާކުރުމުގައި ވެސް އެމީހަކު އެވަނީ އަހްލާގީ ގޮތުން ދަށު ދަރަޖައަށް ވެއްޓިފައިކަން ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެ އެވެ.

ގުރޫޕް ތެރެއިން އެހެން ވާހަކައެކެވެ. ޓީމްގެ ކުޅުންތެރިޔަކު ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ދައްކަމުން އެއީ ތިމަންނަގެ "ފްރެންޑެކޭ" ބުނުމުން ޕޮޕޯފް ބުނެފައި ވަނީ "މޭން އެންޑް ވުމޭން ކާންޓްބީ ފްރެންޑްސް ވިތުއައުޓް ސެކްސް" މިހެންނެވެ. މިއީ ޕޮޕޯފް އާއި ޓީމުގެ ކުޅުންތެރިންނާ މެދު ހައްދެއް ނެތް މިންވަރަށް ދެކެވިފައި ހުރި އަހްލާގީ ގޮތުން ދަށުދަރަޖައިގެ ވަހަކަތަކުގެ ތެރެއިން ކުޑަކުޑަ ވާހަކަކޮޅެކެވެ.

ދަގަނޑޭއާ ޢިމްރާން ކޯޗްގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ސިއްރަކީ ކޮބާ؟

ޕޮޕޯފް ޓީމްގައި އޭނާއާ ގާތް ގުޅުންތަކެއް އޮންނަ "ތިން ހަތަރު" ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ އާއި ޢިމްރާން ހިމެނެ އެވެ. އެއީ ޓީމްގައި ވަކި ގުރޫޕެކެވެ. ޓީމު ރޭވުމާއި ޓީމުގެ އެހެންކަންކަމަށް ޕޮޕޯފް މެދުވެރިކޮށް ބަސްކިޔުމުގައި އެކުޅުންތެރިންނަށް ވަނީ ފަހި ފުރުސަތެއް ލިބިފައެ އެވެ. އެއީ ޕޮޕޯފް އެކުޅުންތެރިންނާ ގެންގުޅުނު އަމިއްލަ ޒާތީ ގުޅުމުގެ ސަބަބުންނެވެ.

ޕޮޕޯފް ޓީމް ބައްޓަންކޮށް އެކުލަވާލުމުގައި އޭނާއަށް މުހިންމީ އެކުޅުންތެރިންގެ ބްލެސިން ހޯދުމެވެ. އޭނާ މަސައްކަތް ކުރިގޮތުން އޭނާ ދެކުނީ އޭނާއަށް ޓީމްގައި ހުރެވޭނީ ޓީމްގެ އެންމެ ނުފޫޒުގަދަ ތިން ހަތަރު ކުޅުންތެރިޔެއްގެ މަދަދު ލިބިގެން ކަމަށް ހުދު އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.

އެހެންވެ އެކުޅުންތެރިންނާއި ޕޮޕޯފް ހިމެނޭ ގޮތަށް ވަކި ވައިބާ ގުރޫޕެއް ވެސް އޮވެއެވެ. އެކުޅުންތެރިންނާއެކު ކޮފީތަކާއި ރެސްޓޯރެންޓްތަކުގައި ވަގުތު ހޭދަކުރެ އެވެ.

ޕޮޕޯފްގެ ހާއްސަ ގުޅުން ޢިމްރާންއާއި ދަގަނޑޭއާ ދެމެދު އޮވެފައި ޓީމްގެ ގިނަ ކަންކަމަށް އެކުޅުންތެރިންނަށް ބަސްކިޔަންލިބި އެކުޅުންތެރިން ބޭނުންވާގޮތަށް ނުފޫޒު ހިންގަން ލިބޭނަމަ އެފުރުސަތު އެކުޅުންތެރިންނަށް ތަނަވަސްކޮށްދޭ މީހެއްގެ ދިފާއުގައި ވާހަކަ ދެއްކުމަކީ އެކުޅުންތެރިންނަށް މާ އުނދަގޫ ކަމަކަށް ނުވާނެވެ.

ދަގަނޑޭއާއި ޢިމްރާން އަށް ވެސް ވީމިހެންނެވެ. ކޯޗްގެ ފަރާތުން ޓީމްގެ ކަންކަމަށް ބަސްކިޔަން ލިބުނު ފަހި ފުރުސަތާއި ގިނަ ވަގުތުތަކެއް ކޯޗާ އެކު ސަކަރާތްޖަހަން ކޮފީތަކުގައި ހޭދަ ކުރެވިފައިވުމެވެ. އެކުޅުންތެރިންގެ ނަޒަރުގައި ކޯޗްގެ މައްސަލައެއް ނޫޅޭނެ އެވެ. ދިވެހި މުހާވަރާއެއްގައި ބުނާފަދައިން ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ.

ކޯޗްކަމުން ޕޮޕޯފް ވަކިވެގެން ދިޔައިރު އެކަމަށް ފާޑުކިޔައި ދަގަނޑޭއާއި ޢިމްރާން ސްޓޭޓްމެންޓް ނެރުނު ފަދައިން ކޯޗްކަމުން ޕޮޕޯފް ވަކިކުރުމާ މެދު ތާއިދުކުރާ ކުޅުންތެރިންވެސް ޓީމްގައި އެބަތިއްބެވެ.

އަނެއްކޮޅުން ފޭސްބުކުގައި ޖެހި ވާހަކަތަކަށް ފަހު އެއްވެސް ވާހަކައެއް ދައްކަން އަދި ނޫސްވެރިން ކުރާ އެއްވެސް ސުވާލަކަށް ޢިމްރާނާއި ދަނގަޑޭ ވެސް ޖަވާބުދޭން ބޭނުންނުވުމެވެ. މިކަން މިހެންވާން އޮތީ އަޅުގަނޑު ހިތުން ދެ ގޮތަކުންނެވެ. އެއީ ކޯޗު މަގާމުން ވަކިކުރަން ޢިމްރާނާއި ދަގަނޑޭ ކުރިން އެއްބަސްވެފައި އޮތުމެވެ. އަނެއް ގޮތަކީ މިހާރު ވާހަކަ ދައްކައިފިނަމަ ދެން ނުކުމެދާނެ ކަމަކުން ސަލާމަތްވާން އުދަނގޫވުން ނުވަތަ މައްސަލައިގެ އަސްލު ފޮރުވާފައި އާއްމުގެ ރުހުން ހޯދަން އުޅުމެވެ.

ކޯޗާ ބެހޭ ގޮތުން މީޑިއާގައި ލިޔެވުނު ވާހަކަތަކުގެ ހަގީގަތް

ކޯޗްގެ ވާހަކަތައް އެންމެ ފުރަތަމަ ފާއްދާލީ 'އަވަސް' ނޫހުގައި މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓް ޢަބްދުﷲ އަޒުމީން އެވެ. ޢިމްރާންއާއި ދަގަނޑޭ ޕޮޕޯފްގެ ދިފާއުގައި ވާހަކަތައް ބިނާވެފައި ހުރީ އެނޫހާއި އެހެނިހެން ބައެއް އޮންލައިން ނޫސްތަކުގައި ލިޔެވުނު ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަ ކުރުމަށެވެ.

ނަމަވެސް ސަންއާ ވާހަކަ ދެއްކި ގައުމީ ޓީމުގެ ކުޅުންތެރިން ބުނީ ޕޮޕޯފްއާ ގުޅޭގޮތުން ލިޔެފައި ހުރީ 99.9 ޕަސަންޓް ތެދު ވާހަކަ ކަމަށެވެ.

"އެބަތިބި ވާހަކަ ދައްކަން ބޭނުންނުވާ ކުޅުންތެރިންވެސް. އެއީ ވަކި ބައެއް ނުފޫޒު އޮންނާނީތީވެ އެއްޗެއް ބުނެފިއްޔާ ގައުމީ ޓީމުން ޖާގަ ގެއްލިދާނެކަމުގެ ބިރު އޮތުމުން. މިހާތަނަށް ނޫސްތަކުގައި އެހުރީ ތެދު ހަގީގަތް،" އެ ކުޅުންތެރިޔާ ބުންޏެވެ.

ބައެއް ސުވާލުތަކަށް ޕޮޕޯފްއަށް ޖަވާބެއް ނުދެވުނު

ކޯޗްކަމުން ޕޮޕޯފް ދުރަށްދާން ޖެހުނު ބައެއް ސަބަބުތައް ޝަވީދު ހާމަ ކުރެއްވިއިރު އެންމެ އަޅައިގަންނަ ކަމަކަށްވީ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗްތައް ކުޅެން ޕޮޕޯފް ދެކޮޅު ހަދައިފައިވުމެވެ.

އެފްއޭމްއެމުން މީޑިއާއައް ބައެއް ވާހަކަތައް ހިއްސާ ކުރިތާ ދެދުވަސްފަހުން ޕޮޕޯފް އޭނާގެ ފޭސްބުކް ޕޭޖްގައި ބަޔާނެއް ނެރުނެވެ. ނަމަވެސް ބައިނަލްއަގުވާމީ މެޗްތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބައިނަލްއަގުވާމީ މެޗްތަކާ ބެހޭ ގޮތުން ޕޮޕޯފްއާ ސަންއިން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ނެރެފައިވާ ސްޓޭޓްމަންޓް ކިޔުމަށެވެ. ނަމަވެސް އޭނާގެ ސްޓޭޓްމަންޓްގައި އެފަދަ އެއްވެސް ވާހަކެއް ހިމަނާފައި ނެތްކަމަށް ބުނުމުން ޕޮޕޯފްގެ ފަރާތުން އިތުރު ޖަވާބެއް ނުލިބުނެވެ.

ޕޮޕޯފް ކޯޓަށް

ޕޮޕޯފްއާ ބެހޭ ގޮތުން މީޑިޔާތަކުގައި ދައްކާ ވާހަކަތަކާ ބެހޭ ގޮތުން އޭނާ ވަނީ ކޯޓަށް ދާން ނިންމާފަ އެވެ. އަދި މައްސަލަ ކާމިޔާބުވެއްޖެ ނަމަ ލިބޭ 2000 ރުފިޔާ ކުޑަކުދިންގެ ޖަމިއްޔާއަކަށް ހަދިޔާކުރާނެކަމަށް ވަނީ ބުނެފަ އެވެ.

އެކަމަކު މީގައި ވެސް ސުވާލު އުފެދެ އެވެ. ސަބަބަކީ ކޯޓަށްދާން އޭނާ އުޅޭއިރު ކޯޓު މަރުހަލާއަށް ގޮސްފި ނަމަ އޭނާ އާއި ކުޅުންތެރިން އިތުރަށް ފަލީހަތްވާނެކަން އޭނާ ނުވިސްނުމެވެ. ދިވެހި ފުޓްބޯޅަ އާއިލާ އަށް ލަދުގަންނާނެ ކިތަންމެ ކަމެއް އޭނާގެ ސަބަބުން ފެންމަތިވާނެކަން ޕޮޕޯފަށް ނުވިސްނެ އެވެ.

ކޯޓުގައި ދެ ފަރާތުން ހެކި ދައްކަން ވެއްޖެ ނަމަ މިހާތަނަށް މީޑިޔާ އަށާއި އާއްމުންނާ ހިސާބަށް ތިލަވެފައި ނެތް ކިތަންމެ ވާހަކަތަކެއް އާއްމުވާނެ އެވެ. ބައެއް ކުޅުންތެރިންނާ ވެސް ސުވާލު ކުރަންޖެހިދާނެ އެވެ. އަދި ނޫސްވެރިއަކު އެއްވެސް ހެއްކެއް ނެތި ކޯޗާ ބެހޭގޮތުން މިފަދަ ވާހަކަތަކެއް ނުލިޔާނެކަން ނޭނގެނީ ހެއްޔެވެ؟ މީގެ އިތުރުން ކޯޗު ވައިބާ ގްރޫޕުގައި ދައްކާފައިހުރި ވާހަކަތަކާއި ޖަހާފައިވާ ބަދުއަހުލާގީ ފޮޓޯތަކަކީ ގައިމު ވެސް އިސްލާމްދީނަށް ކުރި ފުރައްސާރައަކަށްނޫނީ ނުވާނެ އެވެ. ކަންމިހެން އޮތްއިރު ދިވެހިންނަށް މާހެޔޮއެދޭ މީހަކަށްވެ މައްސަލަ ކާމިޔާބުވެއްޖެނަމަ ލިބޭ ފައިސާ ހަދިޔާ ކުރާނީ ކުޑަކުދިންގެ ޖަމިއްޔާއަކަށޭ މިބުނަނީ "އާއްމުންގެ ރުހުމާއި ހަމްދަރުދީ ހޯދަން ނޫންބާވަ އެވެ.؟

ނޯމަލއިޒޭޝަން ކޮމިޓީގެ ޗެއާމަން ޝަވީދު ނޫސްވެރިންނާ ވާހަކަތައް ހިއްސާ ކުރައްވަމުން ވިދާޅުވީ ގައުމީ ޓީމްގެ ކޯޗްކަން ވެލިޒާ ޕޮޕޯފްއާ ހަވާލު ކުރުމަށް ފަހު ކުޅުންތެރިންނަކީ ގައުމު ވަންތަބައެއްގެ ގޮތުގައި ހަދައި އެކަން ކުޅުންތެރިންނަށް އަބަދުމެ ވިސްނައި ދިނުމަށް ޕޮޕޯފް ގާތު އެދުނު ކަމަށެވެ.

މިހާހިސާބުން ކިޔުންތެރިންނަށް އޮތީ ސުވާލެކެވެ. ގައުމީ ޓީމުން ހަވާލުކުރި އެމަސްއޫލިއްޔަތު ޕޮޕޯފްއަށް އަދާ ކުރެވުނު ހެއްޔެވެ. އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ހަމަ ހަގީގަތެއްނެތީ ހެއްޔެވެ؟ ނިއުގައި ކިތަންމެ ރަނގަޅަށް އުޅުނު ނަމަވެސް ގައުމީ ޓީމުގައި ކޯޗު ގޯސް ނުހަދަނީތޯ އެވެ؟ ކުޅުންތެރިން މަޑުމައިތިރިކޮށް އަނގައިން ނުބުނެ ތިބީ ކީއްވެހެއްޔެވެ؟

comment ކޮމެންޓް