ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްއެންޔޫ އިން ޚަރަދުކުރިކަން ހާމަވެއްޖެ

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމެއް ނެތި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ 2012 ވަނަ އަހަރު ގައުމީ ޔުނިވާސިޓީން ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާޖެނެރަލް ހަސަން ޒިޔާތު ނެރުއްވާފައިވަ ގައުމީ ޔުނިވާސިޓީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ އެއްފަހަރާ ހޯދަންޖެހޭ ތަކެތީގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނަމަ އެތަކެތި ގަތުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަންވާނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެ އުސޫލާ ޚިލާފަށް ހިލާފަށް 2،544،955 ރުފިޔާ ޔުނިވާސިޓީން 2012 ވަނަ އަހަރު ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން ދަރިވަރުންގެ ކޯސްފީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތަށް ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 4،397،395 ރުފިޔާ 2012 ޑިސެމްބަރުގެ ނިޔަލަށް ޔުނިވާސިޓީއަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި އޭގެތެރޭގައި ނުދައްކާތާ ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާ ފައިސާ ހުރި އިރު އެފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ބަދަލުގެނެސް ކުރިން އެކުލަވާލައިފާ އޮތް ބޯޑު އުވާލައި ދާދި ފަހުން ވަނީ އާ މެންބަރުންތަކަކާއި އެކު ބޯޑެއް އެކުލަވާލާފަ އެވެ.

comment ކޮމެންޓް