އައިއޯއައިޖީގައި މިހާތަނަށް ރާއްޖެ އިން ހަތް މެޑަލް ހޯދައިފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލް މުހްސިން (ޖޭފޯ) ސާއިދު ކަުރަގައި މެޑަލް އަޅުވައިދެނީ --- އެމްއޯސީ ފޮޓޯ/ ޙުސައިން ސިނާން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަިޖީގައި) ހަތަރު ދުވަސް ފާއިތުވެ ފަސް ވަނަ ދުވަސް ހިނގަމުން ދާއިރު ރާއްޖެއިން މިހާތަނަށް ހަތް މެޑަލް ހޯދައިފި އެވެ.

ރާއްޖެ އިން ހޯދާފައި ވަނީ އެއް ރަން މެޑަލްއާއި ދެ ރިހި މެޑަލްގެ އިތުރުން ތިން ރަންވަން ލޯ މެޑަލް އެވެ.

ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލުން އެއް ވަނަ ހޯދި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުން ތެރިޔާ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް ހަސަން ސާއިދެވެ.

ލާންސް ކޯޕްރަލް ހަސަން ސާއިދު އޭނާ ހޯދި މެޑަލް ދައްކާލަނީ -- އެމްއޯސީ ފޮޓޯ/ ޙުސައިން ސިނާން

އަދި އޭނާ ވަނީ ރޭ ފިރިހެނުންގެ ދުވުމުގެ އިވެންޓުން ދެ ވަނަ ހޯދައި ރިހި މެޑަލް ހޯދާފަ އެވެ.

އަނެއް ރިހި މެޑަލް ހޯދީ ފައިނަލްގައި މޮރިޝަސް އަތުން ބަލިވި ފިރިހެން ބެޑްމިންޓަން ޓީމެވެ.

ރާއްޖެ އިން މިހާތަނަށް ހޯދި ހަ މެޑަލްގެ ތެރެއިން ދެބައިކުޅަ އެއްބައި ހޯދީ އެތުލެޓިކްސްގެ އިވެންޓްތަކުންނެވެ. އެގޮތުން އެތުލެޓިކްސް ޓީމް ވަނީ ތިން މެޑަލް ހޯދައިފަ އެވެ.

މުބާރަތަށް ފުރުމުގެ ކުރިން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމެއްގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ވިދާޅުވެފައި ވަނީ ރާއްޖެ އިން ހޯދާ މެޑަލްތަކުގެ ތެރެއިން ތިންބައި ކުޅަ އެއްބައި ހޯދާނީ އެތުލެޓިކްސް ޓީމުން ކަމަށެވެ.

ރާއްޖެއަށް ރަންވަންލޯ މެޑަލް ހޯދައިދިނީ މިދިޔަ އާދިއްތަ ދުވަހު 1000 މީޓަރުގެ ދުވުމުން ޝަމްހާ އަޙްމަދެވެ.

ދުވުންތެރިޔާ ޝަމްހާ ރަންވަންލޯ މެޑަލް ހާސިލް ކުރުމަށްފަހު އޭނާގެ މެޑަލް ދައްކާލަނީ --- އެމްއޯސީ ފޮޓޯ/ ޙުސައިން ސިނާން

މިއަދު ޓީޓީ ވިމެންސް ޑަބަލްސް އިވެންޓްގެ ތިން ވަނަ ހޮވި މެޗްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް އާއި މަރްޔަމް ޝަފީޤް (ޒިއުނީ) ގެ ޕެއާގެ މައްޗައް ތިން ސެޓް އެއް ސެޓުން ކާމިޔާބު ހޯދައި ރާއްޖޭގެ މުއީނާ މުޙައްމަދާއި އައިމިނަތު ޝިއުރާ ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ.

މީގެ އިތުރުން އަންހެން ޓޭބަލް ޓެނިސް ޓީމާއި އަންހެން ބެޑްމިންޓަން ޓީމްވެސް ވަނީ ރަންވަން ލޯ މެޑަލް ހޯދައިފަ އެވެ.

އައިއޯއައިޖީގައި ރާއްޖޭން ހޯދަން އަމާޒު ކަނޑައަޅާފައި ވަނީ 15 ވަރަކަށް މެޑަލްކަމަށް އޮލިމްޕިކް ކޮމިޓީ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) ވަނީ ވިދާޅުވެފަ އެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މެޑަލް ހޯދާފައިވާ ގައުމަކީ މޮރިޝަސް އެވެ. އެގައުމުން ވަނީ ޖުމުލަ 47 މެޑަލް ހޯދާފަ އެވެ.

އައިއޯއަިޖީ ނިމޭނީ މިމަހު 9 ވަނަ ދުވަހު އެވެ.

comment ކޮމެންޓް