މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އަންނަ ސެޕްޓެމްބަރު މަހު ބެއިޖިންގައި

މިދިޔަ އަހަރު ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) އަންނަ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވަން ނިންމައިފި އެވެ.

އިންވެސްޓްމެންޓް ފޯރަމް ބާއްވާނީ، ބެއިޖިންގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ. ބެއިޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭން އިންވެސްޓަރުންނަށްދޭ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކާނެ އެވެ.

އެގޮތުން މިފަހަރުގެ ފޯރަމްގައި ބޮޑަށް އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ބޭންކިން އަދި ފައިނޭންސްގެ ދާއިރާ ހިމެނެ އެވެ. އޭގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން ވެސް މިފަހަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ އެވެ.

އިންވެސްޓްމަންޓް ފޯރަމްގައި ސްޕޮންސަރުންގެ ގޮތުގައި ރަޖިސްޓަރީވާ ކުންފުނިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މިރޭ ވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް މައުލޫމާތުދީފަ އެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑަތި ވިޔަފާރި ކުންފުނިތައް ކަމަށްވާ އެމްޓީސީސީ އާއި އެމްއޭސީއެލް، ދިރާގު، އުރީދޫ ފަދަ ކުންފުނިތައް ހިމެނެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މި ފޯރަމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އެކިއެކި ކުންފުނިތަކާއި އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް ވެސް އެހީތެރިކަން ލިބޭނެ ނުވަތަ ކުރިއަށްދިއުމަށް އެތައް ދޮރެއް ހުޅުވިގެންދާނެ ފޯރަމަކަށް ވާނެ ކަމަށެވެ.

"ކޮންމެ އަހަރަކު ދިވެހި ސަރުކާރުން ޝޯކޭސްކުރާ އިންވެސްޓްމެންޓް ޓްރޭޑް އަދި މި ދާއިރާތަކުގައިހުރި ފުރުސަތުތައް ދުނިޔެއަށް ހާމަކޮށްދީ އަދި ވިޔަފާރީގެ ދުނިޔެއަށް ހާމަކޮށްދޭ ޝޯއަކަށް މި އިންވެސްޓްމެންޓް ފޯރަމް މިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރުގެ ފޯރަމްގައި ޖުމްލަ 800 ފަރާތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު 100 ވިޔަފާރި ކުންފުނި ހިމެނޭ އިރު، "މޯލްޑިވްސް އިންވެސްޓްމެންޓް މެގަޒިން" ގެ ނަމުގައި މެގަޒިން އެއްވެސް ލޯންޗްކުރާނެ އެވެ.

ސްޕޮންސަރުން ނުވަތަ ޕާޓްނަރުންގެ ގޮތުގައި ރަޖިސްޓާ ވެވޭނީ www.mif.mv ވެބްސައިޓުންނެވެ.

comment ކޮމެންޓް