ކުރީގެ ޚާރިޖީ ވަޒީރު ނަސީމްގެ ފޯން ބިލަށް ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ އެރި މައްސަލައެއް ފެންމަތިވެއްޖެ

އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް: އޭނާ މިނިސްޓަރު ކަމުގައި ހުންނެވި އިރު ބޭނުންފުޅުވެގެން ދައުލަތުގެ ޚަރަދުގައި ގަތް ފޯނަށް ވަނީ ވީނުވީއެއް ނޭނގިފައި ---- ފައިލް ފޮޓޯ

އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނެގި ފޯނުލައިންގެ ބިލަށް 13487 ސިންގަޕޫރު ޑޮލަރު (ގާތްގަނޑަކަށް 169،692 ރުފިޔާ) އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާޖެނެރަލް ހަސަން ޒިޔާތު އިއްޔެ ނެރުއްވާފައިވާ ފޮރިން މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ނަސީމަށް ފޯނެއް ގަނެދީފައި ވަނީ ސިންގަޕޫރުގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް އެ ގައުމުން ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ފޮރިން މިނިސްޓަރު ނަސީމަށް ގަނެފައިވާ އެޕަލް އައިފޯނާއި ފޯނުލައިން އެއްވެސް ލިޔެކިޔުމަކާ ނުލައި އޭނައާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެ ފޯނު ހިމަނާފައިނުވާއިރު، މިހާރު އެ ފޯނު މިނިސްޓްރީގައި ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ރޯމިންގައި ނަސީމް އެ ފޯނު ބޭނުންކުރުމުގެ ސަބަބުން 2011 ވަނަ އަހަރު 10،496 ސިންގަޕޫރު ޑޮލަރު އަރާފައިވާއިރު، 2012 ވަނަ އަހަރު 2،991 ސިންގަޕޫރު ޑޮލަރު އަރާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާއިންނަމަ ގާތްގަނޑަކަށް 169،692 ރުފިޔާއެވެ.

ވަޒީރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މަޖިލީހުން ފާސްކުރުމެއް ނެތި އެފަދަ އިނާޔަތެއް ނެގުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެކަމާގުޅޭގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ވަނީ، ގާނޫނުއަސާސީއާ ޚިލާފަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައި ވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ޖަމާކުރުމަށާއި ކުރީގެ ފޮރިން މިނިސްޓަރު ނަސީމަށް ދީފައިވާ ފޯނާއި ފޯނުލައިން ވެސް ރަޖިސްޓްރީކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަމުގައި ކަމަށްވާތީ އެ ފޯނު އަނބުރާ ހޯދުމަށްފަހު މިނިސްޓްރީގެ ހަރުމުދަލުގެ ތެރޭގައި ހިމެނުމަށެވެ.

comment ކޮމެންޓް