އީރާނުން އިތުރަށް ތެޔޮ އުފައްދާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

ވިއެނާ (އޮގަސްޓް 4): އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރާއެކު، ތެޔޮއުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ފެށިކަން އީރާނުން އިޢްލާންކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.

ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކުގައި އިއްޔެވަނީ ސާފު ނުކުރާ ތެޔޮފީފާއަކުން 1.7 ޑޮލަރު ދަށަށްގޮސްފައެވެ. މިއާއެކު ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހުޅަނގުގެ ބާޒާރުތަކުގައި ވަނީ 50.5 ޑޮލަރަށް ތިރިވެފައެވެ.

އީރާނުގެ ތެލާބެހޭ ވަޒީރު ބީގެން ޒަންގަނާ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އީރާނުން މިހާރު އުފައްދާ މިންވަރަށްވުރެ އިތުރަށް ދުވާލެއްގެ މައްޗަށް ފަސްލައްކަ ފީފާގެ ތެޔޮ އުފައްދާނެކަމުގައެވެ. އަދި މި އޮގަސްޓް މަސް ނިމުމުގެ ކުރިން މިއަމާޒަށް ވާސިލްވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީގެން ޒަންގަނާ ވިދާޅުވިގޮތުގައި އީރާނުން އިތުރަށް އުފައްދާ ތެލުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔަނަމަވެސް ތެޔޮ އުފައްދާމިންވަރު މަދުކުރެވެން އީރާނަށް ނޯންނާނެ ކަމުގައެވެ. އަދި އިތުރަށް އުފައްދާ ފަސްލައްކަ ފީފާ ތެޔޮ ވިއްކުމަށް ބޭނުންވާ ބާޒާރު ހޯދުމުގެ މަސައްކަތްވެސްކުރަމުން އަންނަ ކަމަށް ޒަންގަނާ ވިދާޅުވިއެވެ.

މިއީ ފާއިތުވި ހަމަސް ތެރޭގައި މިހާބޮޑަށް ތެލުގެ އަގު ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ތެލުގެ އަގު ދަށަށްދިޔުމުގެ ފަހަތުގައިވަނީ ޑިމާންޑަށްވުރެ ސަޕްލައި ބޮޑުވަމުންދިޔުން ކަމަށާއި ނަމަވެސް ކައިރި މުސްތަގްބަލެއްގައި މިކަން ހައްލުވެ ތެލުގެ އަގު ދަށަށްދިޔުން ހުއްޓޭނެކަމަށް އޯޕެކުން ބުނެއެވެ.

އީރާނުން މިހާރު އުފައްދަނީ ދުވާލެއްގެ މައްޗަށްދޮޅު މިލިޔަން ފީފާގެ ތެލެވެ. ނަމަވެސް މި އޮގަސްޓް މަސްނިމޭއިރު ދުވާލެއްގެ މައްޗަށް ދެމިލިޔަން ފީފާގެ ތެޔޮ އުފައްދާނެ ކަމަށް އެގައުމުން ބުނެއެވެ. އަދި ހުޅަނގުގެ ތެލާބެހޭ ބޮޑެތި ކުންފުނިތައް އަލުން އަނބުރައި އީރާނަށް އައުމާއެކު ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ހަތަރު މިލިޔަން ފީފާގެ ތެޔޮ އުފެއްދުމަށް އީރާނުން އަމާޒު ހިފާފައިވާކަންވެސް އީރާނުގެ ތެލާބެހޭ ވަޒީރު ވިދާޅުވިއެވެ. (ރޮއިޓާސް)

comment ކޮމެންޓް