އިންޑިއާގައި ނޫސްވެރިންނަށް ހަމަލާދީގެން މިދިޔަ އަހަރު 113 މައްސަލައެއް ހުށަހެޅި!

ނޫސްވެރިއަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިއާގެ ބައެއް ނޫސްވެރިން މުޒާހަރާކުރަނީ ---

އިންޑިއާގައި ނޫސްވެރިންނަށް ސީރިއަސް އަނިޔާ އަދި ހަމަލާދީގެން މިދިޔަ އަހަރު 113 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެއަށް ފޮނުއްވި ސިޓީއެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަރިބައި ޕަރަތިބައި ޗައުދަރީ ވިދާޅުވީ، ނޫސްވެރިންނަށް އަނިޔާކޮށްގެން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ އުއްތަރު ޕްރަދޭޝް އިން ކަމަށެވެ. އެ ސްޓޭޓުން އެކަނިވެސް 63 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންނަށް އަނިޔާކޮށްގެން އެންމެ ގިނަ މީހުން ހައްޔަރުކުރީ މަދްޔާ ޕްރަދޭޝް އިންނެވެ. އެގޮތުން މިދިޔަ އަހަރު ނޫސްވެރިންނަށް އަނިޔާކޮށްގެން ހައްޔަރުކުރި 30 މީހުންގެ ތެރެއިން 10 މީހަކު ހައްޔަރުކުރީ އެ ސްޓޭޓުންނެވެ.

ސްޓޭޓް މިނިސްޓަރު ޗައުދަރީ ވިދާޅުވި ގޮތުން، ސީރިއަސް އަނިޔާ ލިބޭ މީހުންގެ ކެޓަގަރީގެ ދަށުން ނޫސްވެރިންދޭ ހަމަލާތަކުގެ މައުލޫމާތު ނަގަންފެށީ މިދިޔަ އަހަރުން ފަށައިގެންނެވެ.

"ހަމަލާދީ މަރާލާފައިވާ ނޫސްވެރިންގެ މައުލޫމާތެއް ވަކިން ނުބަލަހައްޓަން. ނޫސްވެރިންނަށްދޭ ހަމަލާތަކުގެ މައްޗަށް މިހާރު ލިބިފައިވާ މައުލޫމާތުން 113 މައްސަލައެއް ރަޖިސްޓާ ކުރެވި، 30 މީހަކު ވަނީ މިދިޔަ އަހަރު ހައްޔަރުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ޗައުދަރީ ވިދާޅުވީ، ނޫސްވެރިންނަށްދޭ ހަމަލާތައް އިތުރަށް ތަހުގީގު ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އުފެއްދުމަށް ޕްރޮޕޯސަލެއް ހުށަހެޅިފައި ނުވާއިރު، ނޫސްވެރިންގެ ސަލާމަތްތެރިކަމަށް އެއްވެސް ރިޕޯޓެއް ޕްރެސް ކައުންސިލް އޮފް އިންޑިއާ ގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

މައުލޫމާތު: ދަ ނިއު އިންޑިއަން އެކްސްޕްރެސް

comment ކޮމެންޓް