މިރުޒާ މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި

މިރުޒާގެ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން -- ސަން ފައިލް ފޮޓޯ

ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ މަރާލި ކަމަށް ތުހުމަތުކުރެވޭ ޏ. ފުވައްމުލައް ޒާވިއާ އަބްދުﷲ ނަސީފްގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 1:00 އަށް ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ ނަސީފްގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރުވެފައިނުވާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިއަދު ނަސީފްގެ ޝަރީއަތް ބާއްވަން ތާވަލްކުރި އެ މައްސަލައާ ގުޅިގެން އިތުރަށް ވާހަކަދައްކަން ބޭނުންވާ ކަމަށް ވިދާޅުވެ އޭނާގެ ވަކީލު ކޯޓަށް ސިޓީއެއް ފޮނުވުމުން ކަމަށެވެ.

"އެހެންނަމަވެސް ވަކީލު މިއަދު ހާޒިރެއް ނުވޭ،" އޮފިޝަލް ވިދާޅިވިއެވެ.

މިރުޒާ މަރުވެފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ލަކުޑިބުރިން ބަޔަކު އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ލިބޭ އަނެއް ދެ މީހުން ކަމުގައިވާ ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު އާއި ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގައިނިމިފައެވެ.

comment ކޮމެންޓް