ކޯޕަރޭޓިވްސް މެދުވެރިކޮށް މަހުގެ ބާވަތްތައް އުފެއްދުމާ ބެހޭގޮތުން ހޯނޑެއްދޫގައި ކޯހެއް ފަށައިފި

މަސްވެރިކަން ކުރާ ދޯންޏެއް -- ސަން ފައިލް ފޮޓޯ

ކޯޕަރޭޓިވްސް މެދުވެރިވެގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި ތަރައްގީ ކުރުމަށްޓަކައި މައުލޫމާތު ދިނުމާއި އަމަލީ ތަމްރީން ކުރުމުގެ ކޯހެއް ގދ. ހޯނޑެއްދޫގައި ފަށައިިފި އެވެ.

އިއްޔެ ފެށި އެ ކޯހަކީ މަސްވެރިކަމުގެ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ކޯހެކެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ކޯހުގައި 30 ފަރާތެއް ބައިވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން އޭގެތެރޭގައި މަސްވެރިކަމުގެ ދާއިރާގައި ގިނަ އުފެއްދުންތަކެއް އުފައްދާ ފަރާތްތައް ހިމެނެއެވެ.

މައިގަނޑުގޮތެއްގައި އެ ކޯހުގައި އަލިއަޅުވާލެވޭނީ ކްލާހުގައި ހިމެނޭ ބަޔަކާއި މަސްއޫލިއްޔަތުތަކާ ބެހޭގޮތުން އަމަލީގޮތުން ތަމްރީން ކުރުމުގެ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސް ކުނިވާން ދިމާވާ ސަބަބުތަކާއި ކާނާ ރައްކާތެރިގޮތުގައި ގެންގުޅޭނެ ގޮތް އެ ކޯހުގައި ދަސްކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ އިތުރުން އާ ވިޔަފާރިއެއް ފެށުމަށްޓަކައި ބޭނުންވާ މައުލޫމާތު ދިނުމާއި ވިޔަފާރި ބަލަހައްޓާނެ ގޮތާއި އެއަށް ހޭދަވާނެ އަދަދާ ބެހޭގޮތުންވެސް އެ ކޯހުގައި މައުލޫމާތު ދޭނެއެވެ.

މިނިސްޓްރީން ބުނީ އެފަދަ ކޯހެއް ކުރިއަށް ގެންދިޔުމުގެ މަގްސަދަކީ ޖަމާއަތެއްގެ ގޮތުގައި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމާއި އެކަމުގެ ހުނަރު އާންމުންނަށް ދަސްކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން ޖަމާއަތެއްގެ ގޮތުގައި މަސް އުފައްދައި އެތަކެތި ވިއްކާނެ ގޮތްތަކެއް މަގުފަހި ކޮށްދިނުމަކީވެސް އެ ކޯހުގެ މަގުސަދެއްކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް