އިމާމުން މޮނީޓާ ކުރާނެ ނިޒާމެއް ގާއިމް ކުރަނީ

އިސްލާމިކު މިނިސްޓަރު ޒިޔާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސްކިތްތަކުގެ އިމާމުން މޮނީޓާ ކުރާނެ ނިޒާމެއް ގާއިމު ކުރުމަށް އިސްލާމިކު މިނިސްޓްރީން ނިންމައިފި އެވެ.

މާލޭގެ މިސްކިތްތަކުގެ ހާލަތު ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވީ، މިހާރު އިމާމުން ސޮއިކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ. އަދި އޭގެ ބަދަލުގައި ޒަމާނީ ނިޒާމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިސްކިތްތަކުގައި މަސައްކަތް ކުރާ އިމާމުންނަށް އަޅުގަނޑުމެން [އިސްލާމިކް މިނިސްޓްރީން] އަންގަމުން ގެންދާނަން އެކަން ހަމަޖެހިގެން ދާ ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވީ، ބައެއް އިމާމުން ވަގުތަށް މިސްކިތަށް ނާންނަ ކަމުގެ ޝަކުވާއާ ވަގުތު ފާއިތުވާ ފަހުން ބަންގި ގޮވާ ކަމުގެ ޝަކުވާ މިސްކިތުގެ އަހުލުވެރިންގެ ފަރާތުން އިސްލާމިކު މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

"މިހާރު ވެސް އެ ޝަކުވާތައް ލިބެމުން އަންނަނީ. އެއީ އާންމުކޮށް ގޮވަންޖެހޭ ވަގުތަށްވުރެ ލަސްވެ އަދި ނަމާދުގެ ޖަމާއަތް ފެށުން ލަސްވަމުންދާ ކަމުގެ ޝަކުވާ އެބަލިބޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް މިދިޔަ އަހަރު މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. މުދިމުންނާއި އިމާމުންނާއި ހަތީބުން އަދި ދީނީ ޝިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަން ކުރުމުގައި ތަބާވާންޖެހޭނީ "ސުންނަތްޖަމާއަތަށް" ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
comment ކޮމެންޓް