ދުއްވުން މަނާކުރާ ސަރަހައްދުގައި ގަވާއިދާ ހިލާފް ކަމެއް ފުރަތަމަ ކޮޅު ދިމާވި ނަމަވެސް ފިޔަވަޅުނާޅާނެ

އިސްލާމީ މަރުކަޒުގެ ހަރިންމަ ބޮޑުކުރުމުގެ ގޮތުން އެ މިސްކިތުގެ ތެރެއަށް ވަދެގެންދާ ދެ މަގެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމަށް ނިންމާފަވާ އިރު، ފުރަތަމަކޮޅު ގަވާއިދާ ހިލާފަށް ކަމެއް ދިމާވި ނަމަވެސް ފިޔަވަޅުނާޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ އެ ސަރަހައްދަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލުތައް އަންނަ އިރު، މުޅި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް ޕޮލިހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ކަމެއް ދިމާވި ނަމަވެސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ފުރަތަމަ ދުވަސްކޮޅު ނުގެން ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް އެކަންކަން ދަސްވަންދެން ކިޔައިދެމުން ގެންދާނެ ކަމަށް ދާއޫދު ވިދާޅުވި އެވެ.

"ފިޔަވަޅު އެޅުމުގެ ވިސްނުމެއް ފުރަތަމަ ދުވަސްކޮޅަކު އަޅުގަނޑުމެން ނުގެން ގުޅެން. އެކަންކަން ކިޔައިދީގެން ރައްޔިތުންނަށް މިވަނީ ކީއްކަން އެނގޭމިންވަރަށް އަޅުގަނޑުމެން އެތާ މަސައްކަތްކޮށްދޭނަށް މަގުދެއްކުމަށް ޓަކައި،" ދާއޫދު ވިދާޅުވި އެވެ.

ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރަނީ، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ މެދުޒިޔާރަތް މަގުގައި ތަޅުން އެޅުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ. އެއީ ޖުމްހޫރީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން އިރުން ހުޅަނގަށް ޗާންދަނީމަގާ ގުޅޭ ސަރަހައްދެވެ. އަދި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދުގައި އޮންނަ އަމީރު އަހުމަދު މަގުގެ ބައެއްގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނަލަހިޔާ ކައިރިއަށް ގެނައި ބަދަލަކީ ވެސް ވަރަށް ކާމިޔާބު ބަދަލެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި މަގުގައި ޖަހާފައި ހުރި ކޯންތައް އެހުރި ގޮތަށް އެއްވެސް ބަދަލެއް ނައިސް ހުރިއިރު ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ވެސް ލިބޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް