ބައެއް ފަރާތްތަކުން މިސްކިތްތަކުގައި އަންނައުނު ފަދަ އެއްޗެހި ދޮވެހަދާ: އިސްލާމިކް މިނިސްޓަރު

"ޝަހީދު އަލީ" މިސްކިތް: އެ މިސްކިތުގެ ކޮންކުރީޓުގެ ބަދަލު ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ޒިޔާދު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ފަރާތްތަކުން އެ މީހުންގެ އަންނައުނު ދޮވެ އެފަދަ ތަކެތި މިސްކިތުގެ ގޯތި ތެރޭގައި ހިއްކަން އެޅުން ފަދަ ނުރަނގަޅު ކަންކަން ބައެއް މިސްކިތްތަކުން ފެންނަ އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މިސްކިތްތަކުގެ ހާލަތު ބައްލަވައިލެއްވުމުގެ ގޮތުން މިއަދު މާލޭގެ މިސްކިތްތަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަމިއްލަ ގެދޮރުހެން ބައެއް އާންމު ރައްޔިތުން މިސްކިތްތަކުގައި ނިދަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އިސްލާމިކް މިިނިސްޓަރު ޒިޔާދު ވިދާޅުވީ، ބައެއް މިސްކިތްތަކުގެ ފަންކާތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތުކުރާން ޖެހިފައި ކަމަށާއި އެގޮތުން އެފަދަ ބައެއް މިސްކިތްތަކުގެ ހުރިހާ ފަންކާއެއް ބަދަލުކުރާން ޖެހިފައިވާ ކަމަށެއެވެ. އަދި ބައެއް މިސްކިތްތަކުގެ ކޮންކްރީޓް އެއްކޮށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް މިސްކިތްތަކުގައި ބޭރަށް އެބަހުރި ހުސް ޖާގަ. އެ ހުސް ޖާގަ ހުރުމުގެ ސަބަބުން ބައެއް ކަހަލަ ނޭދެވޭ އަމަލުތައް ކުރުމަކީ އެކަށީގެންވާ ކަމެއް. މިހާރުވެސް އެބަފެނޭ އެކަހަލަ ބައެއް ކަންކަން އެތާނގެ ތެރޭގައި ކުރެވިފައި ހުންނަތަން. އެހެންވީމާ އަޅުގަނޑުމެން މިދަނީ އެގޮތަށް ހުރި މިސްކިތްތަކަކީ ކޮބައިކަން ބަލައި އެގޮތަށް އެތެރެއަށް ވަންނަން ހުރި ތަންތަން ބަންދު ކުރުމަށް މަސައްކަތް ކުރަމުން. އެހެންވީމަ އެކަމުގެ މަސައްކަތް މިއަދު އަޅުގަނޑުމެން ފަށާނަން އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

މިސްކިތްތައް ބައްލަވާލެއްވުމަށް ފަހު މިސްކިތްތަކުގެ ހާލަތު އިސްލާމިކް މިނިސްޓަރު ޒިޔާދު ނޫސްވެރިންނާ ހިއްސާ ކުރައްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ޒިޔާދު ވިދާޅުވީ، މާލޭގެ ހުރިހާ މިސްކިތްތައް ބަލައި ނިމުމުން މިސްކިތްތައް މަރާމާތު ކުރުމަށް ދޭންޖެހޭ ފުރިހަމަ އަހައްމިޔަތުކަން ދޭއްވާނޭ ކަމަށެވެ. އަދި މިސްކިތްތަކަށް ގެންނަންޖެހޭ މަރާމާތުތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގެ އިތުރުން އައްޑޫ ސިޓީގައި ހުރި މިސްކިތްތައް ވެސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ޓީމަކުން ވަރަށް އަވަހަށް އެ ސިޓީއަށް ޒިޔާރަތްކޮށް އިސްލާމިކް މިނިސްޓްރީއާ އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިސްކިތްތައް ބަލަހައްޓާނެ ވަކި ހާއްސަ "މެކޭނިޒަމެއް" ގާއިމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ޒިޔާދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އައްޑޫ ސިޓީގައި ހަމައެކަނި 67 މިސްކިތެއް އެބަހުރި. އެ މިސްކިތްތަކުގެ ތެރެއިން ތިން މިސްކިތެއް އެބަހުރި އެއްވެސް ފަރާތަކުން ޒިންމާ ނުނަގާ ތިން މިސްކިތް. އެހެންވީމަ މިނިސްޓްރީގެ އަމާޒަކީ އެ ތިން މިސްކިތް ވެސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވި ޖުމުލަ 67 މިސްކިތުގައި 67 އިމާމުން އެ މިސްކިތްތަކުގައި ބައިތިއްބުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިސްކިތްތައް މަރާމާތު ކުރުމަށް ހިނގާނެ ޖުމުލަ ހަރަދެއް އިނގޭނީ ހުރިހާ މިސްކިތެއް ބަލައި ނިމުމުން ކަމަށެވެ. މިސްކިތްތައް މަރާމާތު ކުރުމަށް ކުޑަ ހަރަދެއް ނުދާނެ ކަމަށާއި އެ މަސައްކަތަށް ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކުރެއްވޭ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ކުރިން މިސްކިތްތައް ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ ސިޓީ ކައުންސިލާ އެވެ. އެހެންނަމަވެސް ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން އެ އިސްލާހު ތަސްދީގުކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ޖެހެ އެވެ.

comment ކޮމެންޓް