ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި

ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނު ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

މިދިއަ ޖޫން މަހުގައި ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހާގެ ޝަރީއަތް ފަށައިފި އެވެ.

ބާންދް ޝަަހުމިޔާ މަރާލި މައްސަލާގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ލ. ގަން ރެޑްފިޝް އަލީ ހަމްޒާ ގެ މައްޗަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައި ވާތީ އަލީ ހަމްޒާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަނީ ކަމަށެވެ.

މައްސަލައިގެ ދައުވާ ލިބޭ އަލީ ހަމްޒާ ބުނީ ދައުވާއަށް ޖަވާބު ދާރީވާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.

ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތެއްގާޒީ އަބްދުﷲ ނަޝީދު ވަނީ ހަމްޒާއަށް މިއަދު ދީފަ އެވެ.

އަލީ ހަމްޒާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ މުއްދަތު ޖަހާފަ އެވެ.

comment ކޮމެންޓް