"ގެރިކުޅުން" ކުޅޭތީ، އިޒްރޭލުގެ ކުޅުންތެރިންނަށް އަނިޔާކޮށް، ކޯޗު ޒަހަމްކޮށްލައިފި

އާދިއްތަ ދުވަހު ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: ޔޫޓިއުބް (ސްކްރީންޝޮޓް)

އިޒްރޭލްގެ ފުޓުބޯޅަ ޓީމެއް ކަމަށްވާ އެފްސީ އެޝްޑޮޑް އާއި ބަލްގޭރިއަން ޓީމެއް ކަމަށްވާ ސީއެސްކޭ ސޯފިއާ ބައްދަލުކުރި އެކުވެރި ކަމުގެ މެޗެއްގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ބަލްގޭރިއާ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ދަނޑުން ބާލުވައިފި އެވެ.

ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި މިދިޔަ އާދިއްތަ ދުވަހު ކުރިއަށްދިޔަ މެޗުގައި ނުރައްކާތެރި ފައުލްތަކެއް ކުރުމުގެ ސަބަބުން އިޒްރޭލްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ނަމަވެސް ގަވައިދާ ހިލާފަށް ކުޅުމުގެ ސަބަބުން އެ ޓީމަށް ތިންވަނަ ރަތް ކާޑެއް ދެއްކުމުގެ ސަބަބުން ސަޕޯޓަރުން ވަނީ ރުޅިއައިސްގެން ދަނޑަށް އަރާފައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެޝްޑޮޑްގެ ކުޅުންތެރިއެއްގެ ބޮލުގައި ބިއްލޫރި ފުޅިއަކުން ޖެހި އޭނާއަށް ވަނީ އަނިޔާތަކެއް ވެފައެވެ. ނަމަވެސް ބަލްގޭރިއާގެ ގިނަ ނޫސްތަކުގައި ބުނާގޮތުގައި އަނިޔާ ލިބިފައިވަނީ އެ ޓީމުގެ ކޯޗަށެވެ.

ސަޕޯޓަރުން ދަނޑަށް އަރައި މެޗު ހުއްޓުވުމުގެ ކުރިން 1-0 އިން ކުރީގައި އޮތީ އިޒްރޭލްގެ ޓީމު އެޝްޑޮޑް އެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ސީއެސްކޭއޭ އަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް އަނިޔާކުރުމަށް މަޝްހޫރު ޓީމެކެވެ. ނަމަވެސް މިފަހަރު ކަންތައް ވެފައިވަނީ އެއާ އިދިކޮޅަށެވެ. އެޓީމުގެ ކުޅުންތެރިންނަށް އަނިޔާ ލިބިފައިވަނީ އިދިކޮޅު ޓީމުގެ ފަރާތުންނެވެ.

comment ކޮމެންޓް