ބާރު ސުޕީޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭ: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިންނަށް މިއަދު އަނާރާ މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެ ކުދިންނަށް ދެމުން އަންނަ ހިދުމަތްތައް މިހާރަށް ވުރެއް ބާރު ސުޕީޑެއްގައި ދޭން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަނާރާ ވިދާޅުވީ މިއަދުގެ ސަރުކާރުން ވެސް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކަންތައްތަކެއް ކޮށްދޭން މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މެމްބަރު އަނާރާ ވަނީ މިދިޔަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެމުން އަންނަ އިނާޔަތް 2000 ރުފިޔާ އިން 5000 ރުފިޔާ އަށް ބޮޑު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ އިސްލާހު އަދިވެސް ކޮމިޓީީ މަރުހަލާގައި އޮތުމުން އޭނާ ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައި އެވެ.

"މިއަހަރު އަދި ބޮޑު ނުކުރެވުނު ކަމުގައި ވިއަސް މިއަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ހަމަ ބަޖެޓު މިއަންނަ އަހަރަށް އެކުލަވާލެވިގެން ދާއިރު އެލަވަންސް ބޮޑުވުމުގެ ފުރުސަތު ފަހިވެގެން ދިއުން. ކޮންމެވެސް ސިފައެއްގައި ފަހިވެގެން ދިއުން. ވަރަށް ބޮޑު އުއްމީދަކާއި އެކީގައި އަޅުގަނޑުމެން ލީ ބިލެއް މިއީ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިނާޔަތްތައް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަ އެފަދައިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެ ކުދިންނަށް ލިބޭ އިނާޔާތް މިހާރަށް ވުރެއް ބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ދިރިއުޅުން އެބަ ބިނާކުރޭ އެ ލިބޭ 2000 ރުފިޔާއަށް. ވަރަށް ދަތި ހާލުގައި އެކުދިން އުޅެނީ. ވަރަށް ރަނގަޅު ކަމެއް ސަރުކާރުން ވެސް ކޮށްދީފައި ވަނީ. އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު ދިނުން. ނަމަވެސް މާލޭގައި ހިދުމަތްތައް މި ހުންނަނީ. އަނެއްކާ ވަޒީފާ ލިބެނީ މަދު ފަރާތްތަކަށް. އަތޮޅު ތެރޭގެ ކުދިންނަށް އެ ހިދުމަތްތައް ނުލިބޭ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކަނޑައަޅާ އެމީހުންގެ ދަފްތަރު ބަހައްޓަން ފެށުމާއެކު އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް އެ މީހަކު އެ ދަފްތަރަކުން އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މީލާދީ މަހެއްގައި މަދުވެގެން 5000 ރުފިޔާ މާލީ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ދޭންވާނެ ކަމަށެވެ.

comment ކޮމެންޓް