އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ/ މަޖިލިސް

ވިދިވިދިގެން ދެ އަހަރު ވަންދެން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލާ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

އެ ބިލު މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުލީ 58 މެމްބަރުންގެ ތެރެއިން 35 މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓް ދެއްވައިގެންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓް ދެއްވާފައި ވަނީ 23 މެމްބަރެކެވެ.

އެމްޑީޕީގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ކުންފުންޏާ ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކުންފުންޏަކުން ދައްކަން ޖެހޭ އަހަރީ ފީ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކުމުގެ ސަބަބުން އެ ފައިސާ ދެއްކުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒް އިން އެ ކުންފުންޏަކަށް އެއްގުމުން ވެސް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ކުންފުންޏެއް އުވާލެވޭނެ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކުންފުންޏެއް އުވާލުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނީ އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އެ ކުންފުންޏެއް ރަޖިސްޓްރީ ކުރި ތާރީހުން ފެށިގެން އަހަރު ދުވަސްވާ އިރު އެއްވެސް މަސައްކަތެއް ނުކުރާ ކުންފުނިތަކާއި ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކޮށް ދެ އަހަރުވެފައިވާ ކުންފުނިތަކެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ފައްޔާޒު ވިދާޅުވީ، އޭނާ އިސްލާހު ހުށަހެޅުއްވީ ދާދިފަހުން ރާއްޖެ އަށް ތައާރަފު ކުރި ޓެކްސް ނިޒާމުގެ ސަބަބުން ކުންފުނީގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކުންފުންޏެއް ދެމިއޮތުމުގައި އިދާރީ ކަންތައްތަކެއް ކުރުމަށް ލާޒިމުވެ އެފަދަ ޒިންމާތައް އަދާ ނުކުރާ ކުންފުނިތަކުން އަދާކުރަން ޖެހޭ ޖޫރިމަނާތަކުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ނުހިނގާ ކުންފުނިތައް އުވާލުމަށް ހުރަސްއެޅިފައިވާތީ ކަމަށެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 120 ދުވަހުގެ ތެރޭގައި އެހާ ތަނަށް އަހަރީ ފީ ނުދައްކާ ހުރި ކުންފުނިތަކުން އެ ފައިސާ ދެއްކުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒް އަންގަންވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ކުންފުނިތައް ގާނޫނުގައިވާ ގޮތުގެ މަތީން އުވާލުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒަށް ކަނޑައެޅިދާނެ ކަމަށެވެ.

ހަމައެއާ އެކު ފައްޔާޒު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓާ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ކަނޑައަޅާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ވިޔަފާރީގެ މުއާމަލާތާ ގުޅޭ ޓެކުސް ނުވަތަ ޖޫރިމަނާ ފިޔަވާއި ކުންފުނީގެ އަހަރީ ފީއާއި އިދާރީ ފީތައް ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފަށައިގެން މައާފުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް