މިސްކިތްތަކުގެ މަރާމާތުތައް ބެއްލެވުމަށް މިނިސްޓަރު މިސްކިތްތަކަށް ޒިޔާރަތްކުރައްވައިފި

މަސްޖިދުއް ޒިކްރާގެ ސީލިންގުގެ ބައެއް ހަލާކުވެފައި -- ސަން ފޮޓޯ

މާލޭގެ މިސްކިތްތަކަށް ބޭނުންވާ މަރާމާތުތައް ބައްލަވައިލެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިސްކިތްތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މާލޭގެ މިސްކިތްތައް މިދިޔަ ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓުރީގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނެއްގެ ދަށުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ، މާލޭގެ މިސްކިތްތަކުގެ ހާލަތު ބަލައި މަރާމާތު ކުރުމުގެ ތަސައްވަރެއް އެކުލަވައިލެއްވުމަށް މިނިސްޓަރު ޒިޔާދު މިއަދު މާލޭގެ 10 މިސްކިތަކަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

"މިސްކިތްތަކުގެ ހާލަތު ބައްލަވައިލަން ޒިޔާރަތް ކުރެއްވީ. މިސްކިތްތަކުގައި ފަންކާވެސް ހަލާކުވެފައިތާ ހުރީ ވަރަށް ބޮޑަށް. ދެން ސައުންޑް ސިސްޓަމާ އެއްޗެހިވެސް ހުރީ ބައެއް ތަންތާގައި ވީރާނާވެފައި،" ޝެއިހް އިބްރާހިމް ވިދާޅުވިއެވެ.

އެޒިޔާރަތަށް ފަހު މިސްކިތްތަކުގެ މަރާމާތަށް ވަގުތުން ފިޔަވަޅު އެޅުމަށް މިނިސްޓަރު ނިންމަވާފައިވާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވިއެވެ.

މާލޭގެ ގިނަ މިސްކިތްތައް ވަނީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައެވެ. ހާއްސަކޮށް މިސްކިތްތަކުގެ ފާހާނާތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ދާދިފަހުން މިސްކިތްތަކުގެ ހާލަތުތައް ދަށްކަމަށް ބުނެ މިސްކިތްތަކުގެ މަރާމާތަށް އަވަސް ހައްލެއް ބޭނުންވެފައި، އެސުރުހީގެ ދަށުން ސަންއިން ލިޔުނު ރިޕޯޓަކާއެކު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ މާލޭގެ ބައެއް މިސްކިތްތައް މަރާމާތު ކޮށްފައެވެ.

comment ކޮމެންޓް