ބްރަދަހުޑްގެ މިލިޓަރީ ވިންގަކީ ހިޓްލަރުގެ އުފެއްދުމެއް: މިސްރުގެ ކުރީގެ އިސް މުފްތީ

މިސްރުގެ ކުރީގެ އިސް މުފްތީ އަލީ ޖުމްއާ ވިދާޅުވާ ގޮތުގައި އިޚްވާނުލް މުސްލިމޫންގެ މިލިޓަރީ ވިންގަކީ އެޑޮލްފް ހިޓްލަރުގެ އުފެއްދުމެއް -- ފޮޓޯ: މިޑްލްއީސްޓްއައި

މުސްލިމް ބްރަދަހުޑް ޖަމާއަތުގެ މިލިޓަރީ ވިންގަކީ ޖަރުމަނުގެ ކުރީގެ ޗާންސެލާ އެޑޮލްފް ހިޓްލަރުގެ އުފެއްދުމެއް ކަމަށާއި އެއީ ނައްތާލަންޖެހޭ ޓެރަރިސްޓު ގްރޫޕެއް ކަމަށް މިސްރުގެ ކުރީގެ އިސް މުފްތީ އަލީ ޖުމްއާ ވިދާޅުވެއްޖެއެވެ.

މިސްރުގެ ސެޓެލައިޓް ޗެނަލެއް ކަމަށްވާ، ސީބީސީއަށް މިދިޔަ ހަފްތާގައި މުފްތީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މުސްލިމް ބްރަދަހުޑް ނުވަތަ އިޚްވާނުލް މުސްލިމް އުފެއްދުމަށްޓަކައި އެ ޖަމާއަތުގެ ބާނީ، ހަސަނުލް ބައްނާ ވަނީ، 1921އިން 1927އަށް ގުދުސްގެ އިސް މުފްތީއަކަށް ހުންނެވި އަމީން ހުސެއިންގެ އެހީތެރިކަމާއެކު ހިޓްލަރުގެ އެހީތެރިކަމާއި ހިޔާލު ހޯއްދަވާފައި ކަމަށެވެ.

މިސްރުގައި ދީނީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށްޓަކައި އިޚްވާނުލް މުސްލިމް ޖަމާއަތް ވުޖޫދަށް ގެނައީ، 1928 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޖަމާއަތުގެ ބާނީ ހަސަނުލް ބައްނާ ވަނީ އެދުވަސްވަރު މިސްރު އަޅުވެތިކޮށްގެން އުޅުނު އިނގިރޭސީންނާ ހަނގުރާމަކުރުމަށް އިޚްވާނުލް މުސްލިމްއަށް އަސްކަރީ ވިންގެއް އިތުރުކުރައްވައިފައެވެ. އަދި އެ ޖަމާއަތުން ވަނީ، 1948 ވަނަ އަހަރު ހިނގި އަރަބި-އިސްރާއީލް ހަނގުރާމައިގައި ވެސް ބައިވެރިވެފައެވެ.

އިޚްވާނުލް މުސްލިމްގެ ހަތިޔާރުއެޅި ޖަމާއަތް ފަހުން އުވާލުމަށްފަހު އެ ޖަމާއަތުން މިހާރު ދަނީ، މެދުމިނުގެ ސިޔާސަތަކަށް ތާއީދުކޮށް ޕާޓީގެތެރޭގައި ހުރި ހަމަނުޖެހުންތައް ހައްލުކޮށް އިސްލާހަށް މަސައްކަތްކުރަމުންނެވެ.

މެދުއިރުމައްޗާއި ގަލްފުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ މިޑްލްއީސްޓްއައިން ބުނެފައި ވަނީ، މުފްތީ ޖުމްއާ ތުހުމަތުކުރައްވާ ގޮތުގައި ހަސަނުލް ބައްނާ ވަނީ، އިޚްވާނުލް މުސްލިމް އުފެއްދުމަށްޓަކައި އިޓަލީގެ ކުރީގެ ހުދުމުޚްތާރު ވެރިޔާ ބެނިޓޯ މުސޮލިނީގެ ލަފާވެސް ހޯއްދަވައިފައެވެ. ނަމަވެސް މޮސިލިނީގެ ފަހުން ބައްނާ ވަޑައިގަތީ ހިޓްލަރުގެ ގާތަށް ކަމަށް މުފްތީ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވި ގޮތުގައި އިޚްވާނުލް މުސްލިމޫން އުފެއްދުމަށްޓަކައި ބައްނާ ވަނީ، "ހިޓްލަރުގެ އިރުޝާދުގެ ދަށުން ތަމްރީންކުރުމަށް 300 މީހުން ފޮނުވާފައި،" ކަމަށެވެ. އަދި މުސްލިމް ބުރަދަހުޑްގެ މިލިޓަރީ ވިންގު އުފެއްދުމުގައި ހަރަކާތްތެރިވީ އެމީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޚްވާނުލް މުސްލިމް ޖަމާއަތަކީ އެއްކޮށް ނައްތައިލާން ޖެހޭ ޖަމާއަތެއްކަމަށް ވިދާޅުވެ ސީބީސީއަށް ދެއްވި އިންޓަވިއުގައި މުފްތީ ޖުމްއާ ތުހުމަތުކުރެއްވި ގޮތުގައި، ހަސަނުލް ބައްނާ، ފަހުން އިނގިރޭސީންނާގުޅިގެން އިޚްވާނުލް މުސްލިމް ޖަމާއަތަށް ފަންޑު ހޯއްދެވިއެވެ. އެއަށްފަހު އޭނާ ވަނީ ކޮމިއުނިޒަމާއި މެސަނިޒަމާއި ޒަޔަނިޒަމްގެ އިތުރުން ނާޒިޒަމްއާ ގުޅޭ ގޮތުން ކިޔަވައިވިދާޅުވެފައެވެ. އޭގެ ސަބަބުން ދީނީ ހަރުކަށި ހިޔާލަށް އޭނާ ތާއީދުކުރައްވަން އޭނާ ނިންމެވިކަމަށްވެސް މުފްތީ ވިދާޅުވިއެވެ.

ރައްޔިތުން ނުކުމެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވައްޓައިލުމުގައި މުހިއްމު ދައުރެއްއަދާކުރި އިޚްވާނުލް މުސްލިމް ޖަމާއަތުން ފަހުން ވަނީ، ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީ (އެފްޖޭޕީ) އުފައްދައި އޭގެ ފަހުން ބޭއްވި މިސްރުގެ ރިޔާސީ އިންތިޚާބާއި އެގައުމުގެ ޕާލަމެންޓުގެ ގިނަ ގޮނޑިތަކެއް ހޯދައިފައެވެ.

އިޚްވާނުލް މުސްލިމް ޖަމާއަތުގެ ލީޑަރު އަދި ކުރީގެ މިސްރުގެ ރައީސް ޑރ. މުޙައްމަދު މޫރުސީ 2013 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަށް ފަހު މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީ ވަނީ އިޚްވާނުލް މުސްލިމް ޖަމާއަތް މިސްރުގައި ހިންގުން މަނާކޮށް އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި އަދި ޑރ. މޫރްސީ ހިމެނޭގޮތަށް އެ ޖަމާއަތުގެ ގިނަ ވެރީންތަކަކަށް މަރުގެ ހުކުމް އިއްވައިފައެވެ.

comment ކޮމެންޓް