އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެ: އިންޑިއާގެ ފޮރިން ސެކްރެޓަރީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖަޔަޝަންކަރް ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ

އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އެ ގައުމުން އަނެއްކާވެސް ދީފި އެވެ.

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.

ޖަޔަޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންނެވީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިއަމް ޖަޔަޝަންކަރު ފެށްޓެވި ދަތުރުފުޅުގެ ބައެއްގެ ގޮތުގަ އެވެ. އޭނާ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކުރެއްވީ އެމަނިކުފާނުގެ އަރިހަށް ރައީސް އޮފީހަށް މިއަދު ކުރެއްވި ޒިޔާރަތެއްގަ އެވެ.

ސާކްގެ ގައުމުތަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހި ކުރެއްވުމަށް "ސާކް ޔަތުރާ"ގެ ނަމުގައި ފެށްޓެވި ދަތުރުގައި އޭނާ ކުރިން ވަނީ ބޫޓާނަށާއި ޕާކިސްތާނަށާއި އަފްޣާނިސްތާނަށް ވެސް ވަޑައިގެންފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖަޔަޝަންކަރް ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ

ސާކް ޔަތުރާގެ ދަތުރުފުޅު ތަކުގައި ޖައިޝަންކަރު މަޝްވަރާތައް މަޝްވަރާ ކުރައްވަމުން ގެންދަވަނީ މުޅި ސާކްގެ ކަންކަމާ ބެހޭ ގޮތުންނެއް ނޫން ކަމަށާއި މަޝްވަރާ ކުރައްވަނީ ވަޑައިގަންނަވާ ގައުމަކާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމުގެ ކަންކަމާމެދު ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއެވެ.

comment ކޮމެންޓް