މަސްޓޭންކަށް ބެލުމަކީ ލޭގެ ޕްރެޝަރު ދަށްވެ ރުޅިމަޑުވެ މިޒާޖު ރަނގަޅު ކޮށްދޭކަމެއް: ދިރާސާ

މަސް ޓޭންކެއް: ޕްރައިވެޓް ހޮސްޕިޓަލްތަކާއި މީހުން އިށީންދެ ކިއުގައި ތިބޭ ތަންތަނުގައި މަސްޓޭންކު ބެހެއްޓުމަށް ތަހުޒީބު ގައުމުތަކުން އިސްކަންދޭ

ލަންޑަން (އޮގަސްޓް 3): ކްލިނިކްތަކުގައި މަސްޓޭންކްތައް ބަހެއްޓުމަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ވަރަށް ގިނަ ޑޮކްޓަރުން ރެކޮމެންޑް ކުރާ ކަމެކެވެ. އެއާއެކު ތަރައްގީވެފައިވާ ވަރަށް ގިނަ ގައުމުތަކުގެ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސްޓޭންކްތައް ހުރެ އެވެ. ޚާއްސަކޮށް ޑޮކްޓަރުންނަށް ދެއްކުމުގެ ކުރިން އިށީންދެ ތިބޭ ސަރަހައްދުތަކުގައި މަސްޓޭންކްތައް ބަހައްޓާފައި ހުރެ އެވެ.

ފަހުގެ ދިރާސާތައް ދައްކާ ގޮތުން ގޭތެރެ ޒީނަތްތެރި ކުރުމަށް ޓޭންކްތަކުގައި ގެންގުޅޭ މަހުގެ ހަރަކާތްތަކަށް ބެލުމަކީ އިންސާނާގެ ލޭގެ ޕްރެޝަރު ދަށަށް ދާ ކަމެކެވެ. އަދި ހާސްވެ ކަންބޮޑުވެފައިތިބޭމީހުންގެ ކަންބޮޑުވުންވެސް ފިލުވައިދޭކަމެކެވެ. އިނގިރޭސިވިލާތުގެ އެގްޒީޓާ ޔުނިވަރސިޓީ އާއި ޕްލީމައުތް ޔުނިވަރސިޓީގެ ރިސާޗަރުން ދާދިފަހުން ކުރި ދެ ދިރާސާއަކުން ވަނީ މަސްޓޭންކުގެ ސަބަބުން އިންސާނާއަށް ސިއްޙީ އަދި ނަފްސާނީ ބޮޑެތި ފައިދާތަކެއް ކުރާކަން ހާމަވެފައެވެ.

މި ދެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި ޓޭންކްތަކުގައި ގެންގުޅޭ މަސްތަކުގެ ހަރަކާތްތަކަށް ބެލުމަކީ ލޭގެ ޕްރެޝަރު ދަށަށްދާކަމެކެވެ. އަދި އެއީ ހިތަށް ފިނިކަންލިބި ނަފްސާނީ ދުޅަހެޔޮކަން ވެސް ލިބިދޭކަމެކެވެ. މި ދެ ދިރާސާ ކުރެއްވި ރީސާޗަރުންނާ ހަވާލާދީ ލަންޑަންގައި ނުކުންނަ "ޑެއިލީ ޓެލެގްރާފް" ނޫސް ބުނާ ގޮތުން މަސްގެންގުޅޭ ގޮތަށް ހުއި އާއި ގަލާ އަދިފެންއަޅައި ތައްޔާރުކޮށްފައިވާ ޓޭންކްތަކަށް މަސްނުލައި ބެލުމުންވެސް ލޭ މައްޗަށްދާ މީހުންގެ ލޭގެ ޕްރެޝަރު 3 އިންސައްތައަށް ދަށަށްދެ އެވެ. އެފަދަ ޓޭންކްތަކަށް މަސްލާފައި މަހުގެ ހަރަކާތްތަކަށް ބެލުމުން ލޭގެ ޕްރެޝަރު 7 އިންސައްތައަށް ދަށަށް ދެ އެވެ.

މި ދެ ދިރާސާއިންވެސް ހާމަވާގޮތުގައި މަސްޓޭންކްތަކަށް އެންމެ ރަގަނޅީ އެކިބާވަތުގެ ރީތި މަސްތައް ލާފައި ބެހެއްޓުމެވެ. ގިނަ މަސްތަކަށް ބެލުމުން ލޭ ގެ ޕްރެޝަރު މަތި މީހުންގެ ޕްރެޝަރު ދަށްވެ ލޭ ގެ ޕްރެޝަރު މުޅިން ހަމައަކަށްއެޅިގެންދެއެވެ. އަދި މީހާގެ ރުޅިވެރިކަމާއި ނުތަނަވަސްކަންވެސް ފިލައި އުފާވެރިކަން މީހާގެ މިޒާޖަށް ގެނަސްދެއެވެ. ގިނަ މަސްތައް ޓޭންކްގައި ހުރުމުން މަސްތަކުގެ ހަރަކާތްތަކަށް ބަލާވަގުތު އިތުުރުވެ އެކަމަށް މީހާގެ ސިކުނޑި ލަންބާލައި އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން އިންސާނާ އަށް ގެނަސްދޭކަން މިދެ ދިރާސާއިން ހާމަވެފައިވެއެވެ. (ޑެއިލީ ޓެލެގްރާފް)

comment ކޮމެންޓް