ޓެރަރިޒަމް ގާނޫނުގެ ދަށުން ސިޔާސީ ބޭފުޅުން އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: އިދިކޮޅު މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ޓެރަރިޒަމްގެ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދާއިރު މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ސިޔާސީ ބޭފުޅުން އެކަހެރި ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޓެރަރިޒަމް މަނާ ކުރުމުގެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ބިލަށް މިއަދު ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެރަރިޒަމްގެ ގާނޫނު އުފެދިފައި ވަނީ އެ ގައުމެއްގައި ދާޚިލީ ހަމަނުޖެހުން ބޮޑުވެ، އެ ތަނެއްގައި އެ މީހުންނަށް ހިތްހަމަޖެހުމެއް ނެތި ބިރުވެރި ކަންމަތީގައި އުޅެން ޖެހޭ ހާލަތްތަކުގައި ކަމަށެވެ.

ަ"އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި މި ބިލު ހުށަހެޅިފައިވާ އިރުގައި މިއަދު މި ދިވެހިރާއްޖެ އޮތް ހާލަތާ ދޭތެރޭގައި ވެސް އަޅުގަ ނޑުމެން އެބަ ވިސްނަން ޖެހޭ. އަޅުގަ ނޑުމެން އެފަދަ ހާލަތެއްގައިތޯ މި އޮތީ. އަޅުގަނޑު ދެކޭ ގޮތުގައި މިއަދު މި ބިލު ހުށަހެޅޭއިރުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ބޭފުޅުން އެކަހެރިކުރުމުގެ މަސައްކަތްތަކެއް ޓެރަރިޒަމް ގާނޫނުގެ ދަށުން ކުރެވެމުންދާކަން، އަދި ރިޔާސީ ރޭހުގައި ބައިވެރިވާ މީސްމީހުން، ބައިވެރިވުމުގެ ޝައުގު ހުރި ފަރާތްތަކަށް އެ ފުރުޞަތު ލިބުނަނުދިނުމަށް ޓަކައި ޓެރަރިޒަމްގެ ގާނޫނުތައް ބޭނުން ކުރަމުންދާކަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،" ރިޔާޒު ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު: ފޮޓޯ/ މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ޓެރަރިޒަމްގެ ގާނޫނު ފާސްވެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ދޫކޮށްލެވޭ އިރު ވެގެންދާނީ "މޮޔައެއްގެ އަތްމައްޗަށް ދެވޭ ކަނޑިއެއް ދިނުން" ކަމަށެވެ.

"ހަމަ ކަތިލަމުން، ކަތިލަމުން، ކަތިލަމުން ކުރިން ވެސް ދެންނެވިހެން ދާތަން އަޅުގަނޑުމެންނަށް ފެންނާނީ. މީގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމަކީ ސިޔާސީ ހަޔާތާއި މި ރާއްޖޭގެ ސިޔާސީ ހަޔާތާއި ޓެރަރިޒަމާ ގުޅުވައިފި ކަމަށް ވަނީ ނަމަ އެ ވެގެންދާނީ މި ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ވަރަށް ބޮޑު ނުރައްކަލަކަށް. މިއަދު ވެސް އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ މި ރާއްޖޭގައި މި ކަންކަން މިގޮތުގައި، މި މަޤްޞަދުގައި ހާސިލުކުރަމުންދާ ތަން ސަރުކާރުގެ ފަރާތުން،" އިންތި ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި): ފޮޓޯ/ މަޖިލިސް

ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ކުޅުދުށްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ބިލަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ ބިލެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ބިލަކީ މަޖިލީހުން ފާސްކުރާ ބިލުތަކުގެ ތެރެއިން ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރުގައި ނުވަތަ ދުނިޔޭގެ ޓެރަރިޒަމް މާނަކޮށް އެއާ ގުޅޭ އުސޫލުތަކަށް ބަލާއިރު އެ ބިލަކީ ވަރަށް "ދުރަށް ފުއްމައިގަނެވޭ ފުއްމައި ގަތުމެއް" ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. ނަޝީދު ވިދާޅުވީ އެ ބިލަކީ އިސްލާހީ ގޮތުން އިންގިލާބީ ބަދަލެއް ގެންނާނެ ބިލެއް ކަމަށެވެ.

"އަދި ދައުލަތުގެ ފަރާތުން ދައުވާ ކުރާ ފަރާތަށް ބާރު އެބައޮތް ބޭނުމިއްޔާ ގާނޫނުލް އުގޫބާތުގެ ދަށުން ގެންދަން، ބޭނުމިއްޔާ އެހެން ގާނޫނެއްގެ ދަށުން ގެންދަން، ނޫނިއްޔާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ގެންދަން. މިވޭތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ގެންދަނީ ޓެރަރިޒަމްގެ ގާނޫނުގެ ތެރެއިން މިގެންދަނީ މި ދެންނެވި އިހުތިޔާރު ދައުލަތުގެ ފަރާތުން ދައުވާ ކުރާ ފަރާތަށް ދެއްވަމުން. ދުނިޔޭގެ ނިސްބަތުން ހަމަ ކުށެއް ކޮށްލާއިރަށް އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުވި ކަމުގައި ވިއަސް، ދައުވާ ކުރާ މީހާއަށް އެބަލިބިދޭ އެއީ ޓެރަރިޒަމުގެ ކުށެއް ކަމަށް ހެދުމަށް." ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހަޅުއްވާފައިވާ "ޓެރަރިޒަމް މަނާ ކުރުމުގެ ބިލް"ގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ.

comment ކޮމެންޓް