ފާއިތުވި ދެތިން އަހަރު މިނިވަންކަން އޮތީ ފަހުރުވެރިވެވޭ ފަދަ ގޮތަކަށް ނޫން: ރައީސް ޔާމީން

އޯގަސްޓް 3، 2015: ފުވައްމުލަކަށް ނިސްބަތްވާ ބައެއް ކައުންސިލަރުންނާއި އެކްޓިވިސްޓުން ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކޮށް ފޯމް ހަވާލުކުރުމަށް ކުރީގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަކުރި އިރު ފާއިތުވި ދެތިން އަހަރު މިނިވަންކަން އޮތީ އެކަމާ ފަހުރުވެރިވެވޭ ފަދަ ގޮތަކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމް އަށް ބައެއް ކައުންސިލަރުންނާއި އެކްޓިވިސްޓުން ސޮއިކުރުމަށް، ކުރީގެ ރިޔާސީ ގަނޑުވަރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިނިވަން 50 ފާހަގަ ކުރީ މިނިވަންކަމަށް ގޮންޖެހި ދެތިން ހަތަރު އަހަރެއް ކަޑައްތު ކުރުމަށް ފަހު ކަމަށެވެ.

"...މިނިވަން 50 އަޅުގަނޑުމެން އުފަލާއެކީ ފާހަގަކުރާ އިރު، މި 50ގެ ފަހު ދެތިން އަހަރު ދިޔައީކީ މިނިވަންކަމުގެ މަތީގައި ތިބުމުގައި އަޅުގަނޑުމެން އެހާ ހިތްހަމަޖެހިގެން، ނޫނީ އެކަމާ ދެތެރޭ އެހާ ފަހުރުވެރިވާ ގޮތަކަށެއް ނޫން. މީ ދިވެހިރާއްޖޭގެ މިހާރުގެ ތާރީހު. ކޮންމެ ގޮތަކަށް ދިރާސާ ކުރައްވާފައި ލިއުއްވި ނަމަވެސް އިންސާފުގެ ނަޒަރުން ލިއުއްވާ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ ހަގީގަތުގައި ދާހިލީ މިނިވަންކަމަށް ގޮން ޖެހި ތިން ހަތަރު އަހަރެއް ކަޑައްތުކޮށްފައި އަޅުގަނޑުމެން މިނިވަން 50ގެ އިހުތިފާލް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެއަށް ފަހު ރައީސް ފާހަގަ ކުރެއްވީ ބޭރުގެ ފަރާތްތަކުން ބެހެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަންކަމުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ޖާގަ ދެވުނު ބައެއް ކަންކަމެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ބަދަލުވީ ރަނގަޅަށްތޯ ބެލުމަށް ތަހުގީގު ހިންގަން ބޭރު މީހުންނަށް ޖާގަ ދެވުނު ކަމަށާއި ޝަރުއީ ބައެއް ކަންކަމާ ބަސްބުނުމުގެ ފުރުސަތު ދެވުނު ކަމަށް ވިދާޅުވި އެވެ.

"...ދުނިޔޭގެ ޖަމިއްޔާތަކަކުން ނޫނީ އެހެން ގައުމަކުން ބަލާކަށް ނުޖެހޭ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ކިހިނެއްތޯ. އެއީ ދިވެހި ރައްޔިތުންގެ ހައްގެއް. އެކަން ވެސް އަޅުގަނޑުމެން ކޮށްގެން މިތިބީ ކޮށްގެން. ބޭރުގެ ފަރާތްތަކަށް ދައުވަތުދީގެން އެކަން ކޮށްފީމު. ދިވެހިރާއްޖޭގައި އެހެން ކަމެއް ހިނގައި ދިޔައީ. އަޅުގަނޑުމެންގެ އެބަ ތިބި ތަހުގީގުކުރާ މުއައްސަސާތަކާ ކަންކަން ނިންމޭ ވަރުގެ މުއައްސަސާތައް އެބަތިބި. ނުޖެހޭ ދުނިޔޭގެ އެހެން ތަންތަނުން މީހުން އައިސް އެކަންކަން ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ އެމްޑީޕީ ކައުންސިލަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ޕީޕީއެމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ވިދާޅުވީ މިފަހުގެ ދެތިން އަހަރު ރާއްޖެ އޮތީ އުނދަގޫތަކެއްގެ ތެރޭގައި ކަމަށާއި އެ އުނދަގޫތައް ނެތް ނަމަ އިގުތިސާދީ ގޮތުން ވެސް ރާއްޖެ އޮންނާނީ މިހާރު އޮތް ވަރަށް ވުރެ މާ ކުރީގައި ކަމަށެވެ. އަދި ވިދާޅުވީ މިނިވަން 50ގެ އުފާވެރިކަން އިހުސާސް ކުރެވުނީ ބޭރުގެ ފަރާތްތަކުން ރާއްޖެއާ ބެހުމަށް އިތުރު ފުރުސަތު ނުދިނުމުން ކަމަށެވެ.

"... އެއީ ހަމަ އަނެއްކާ ވެސް ބަޔަކު ހަމަ ކުރި ބުރަ މަސައްކަތްތަކެއްގެ ސަބަބުން، ބޭރުގެ ފަރާތްތަކުން އިތުރަށް ބެހެން ޖާގަ ނުލިބި، އަޅުގަނޑުމެންނަށް މި 50ގެ ގެ އުފާވެރި މޫސުމެއް ނިންމައިލުމުގެ ފުރުސަތު މި ލިބުނީ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް