"އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރާ ބިލް" މަޖިލީހުން ބޭރުކޮށްލައިފި

ގުދަނަކުން ލޮރީއަކަށް ކާޑުގެ ބާވަތްތައް ބަރު ކުރަނީ: އަސާސީ ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް މަޖިލީހށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލައިފައި -- ސަން ފައިލް ފޮޓޯ

ރާއްޖެ އަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ކަނޑައަޅައި އެފަދަ ތަކެތި ރައްޔިތުންނަށް އަބަދުމެ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 25 މެމްބަރުން ނެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 40 މެމްބަރުން ނެވެ.

ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު މަޖިލީހަށް ހުށަހަޅުއްވާފައި އަސާސީ ކާބޯތަކެތީގެ އަގު ކޮންޓުރޯލް ކުރުމުގެ ބިލުގައި ބުނެފައި ވަނީ 12 ބާވަތެއްގެ ތަކެތީގެ އަގު ކޮންޓުރޯލް ކޮށްގެން ވިއްކަން ޖެހޭނެ ކަމަށެވެ.

ކޮންޓްރޯލް އަގުގައި ވިއްކަން ޖެހޭ ތަކެތި:

  • ހަނޑޫ
  • ހަކުރު
  • ގޮދަން ފުށް
  • ކުކިން އޮއިލު
  • ލޮނު
  • މުގު
  • ކުކުޅު ބިސް
  • އަލުވި
  • ފިޔާ
  • އާންމުކޮށް ދިވެހިން ބޭނުން ކުރާ ހަވާދުގެ ތެރެއިން ގަނޑުކޮށް ވިއްކާ ހަވާދު
  • އައިސް ކުކުޅި
  • ސައިފަތް

ބިލު ހުށަހެޅުއްވި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު: ފޮޓޯ/ މަޖިލިސް

ނާޝިދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮންޓުރޯލު އަގުގައި ވިއްކާ ތަކެއްޗާއި އަދި އެ ތަކެތި އުފައްދާފައިވާ ގައުމާއި އެތަކެއްޗަށް އާންމުކޮށް ދިވެހި ރާއްޖޭގައި ކިއާނަމާއި އަދި ފަންނީ ނަން ކަމާ ގުޅުން ހުރި މިނިސްޓަރު ކަނޑައަޅަން ވާނެ ކަމަށެވެ.

އަސާސީ ކާބޯތަކެތި ވިއްކުމުގެ ފައިދާ ލެވޭނެ މިންވަރަކީ ރާއްޖެ އަށް އަސާސީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ އެއްޗެއް ހޯލު ސޭލުކުރެ ވޭނީ މުދަލުގެ ސީއައިއެފްގެ ނުވަތަ ސީއެންއެފް އަގަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅާ އިމްޕޯޓު ޑިއުޓީ އިތުރު ކުރުމުން ޖެހޭ ޖުމުލަ އަގުގެ 30 ޕަސެންޓަށް ވުރެ މަތި ނުވާ ވަރެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް