ފެންއަރުވާ ވަޑާމާއި އިއްޒުއްދީން ފާލަން ވަގުތީ ގޮތުން ބަންދުކޮށްފި

މިނިވަން50 އާ ގުޅިގެން ހުޅުވި ފެންއަރުވާ ވަޑާމުގައި ކުދިންތަކެއް ކުޅެނީ -- ސަން ފައިލް ފޮޓޯ

މިނިވަން 50 އާ ގުޅުވައިގެން އަލުން ހުޅުވި އިއްޒައްދީން ފަލާމާއި ޖުމްހޫރީ މައިދާނުގައި ހުޅުވި މިއުޒިކީ ފެންއަރުވާ ވަޑާމަށް ބައެއް ގެއްލުންތައް ލިބިގެން އެތަން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު 'ސަން' އަށް ވިދާޅުވީ ފެންއަރުވާ ވަޑާން ބަންދުކުރީ ކުޑަކުދިން މޮނިއުމަންޓް ހުންނަ ބައިގެ ބައެއް ނަރުތައް ދަމާ ހެދުމުން ބައެއް ލައިޓްތައް ހަލާކުވުމާ ގުޅިގެން ކަމަށެވެ. އަދި އެތަނުގައި ހުރި ނޮޒްލްތަކުގެ ވަށައިގެން ހުރި ލައިޓްތައް ފިކްސް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ފެންއަރުވާ ވަޑާން ހުޅުވި އިރު ވެސް އެތަނުގައި ހުރި ނޮޒްލްތަކުގެ ވަށައިގެން ހުރި ލައިޓްތައް ހުންނާނީ ފިކްސް ނުކޮށް، އެއީ ދިމާވާ މައްސަލަތައް ބެލުމަށް. ނަމަވެސް މިހާރު އެއްވެސް މައްސަލައެއް ނެތުމުން އެ ލައިޓްސްތައް ވެސް ފިކްސްކުރުމަށާ އެއްކޮށް ބަންދުކުރީ،" ހަލީމް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ މޮނިއުމަންޓް ބަޔަށް ކުޑަކުދިން އެރޭތީ މިހާރު އެބައިގައި ވަނީ ރެއިލިންގްއެއް ޖަހައިފަ އެވެ. ފެންއަރުވާ ވަޑާން ހުޅުވި އިރު ވެސް ކަޅު ބަޔަކަށް ކުޑަކުދިން ނޭރުވުމަށް އެމްޓީސީސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިއްޒުއްދީން ފާލަން -- ސަން ފައިލް ފޮޓޯ

މީގެއިތުރުން ރަސްމީ ފާލަމުގެ ބަދަލުގައި އެތަނުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުވި އިއްޒުއްދީން ފާލަން ވެސް ވަނީ ޕޮލިސިންގެ މަސައްކަތްތަކަށް ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާލަމުގައި ކުރަން ހުރި ޕޮލިސިންގް މަސައްކަތްތައް ކުރަން އުނދަގޫވާނެ އެތަނުގައި ކައިރިއަށް އާއްމުން އައިސް ހަދާ ނަމަ، އެހެންވެ އެ މަސައްކަތް ކުރަން ބަންދުކުރީ،" ހަލީމް ވިދާޅުވި އެވެ.

އިއްޒުއްދީން ފާލަމާއި މި ހަފްތާ ބަންދުގައި އަލުން ހުޅުވުމަށް ނިންމާފައިވާ ކަމަށާއި ފެންއަރުވާ ވަޑާން އަންނަ ހަފްތާ ބަންދަށް އަލުން ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު