ޓްރެފިކް ކުށްތަކުގެ ޖޫރިމަނާ މައާފު ކުރުމުގެ ބިލު ފާސްކޮށްފި

މާލޭގެ މަގެއްގައި ފުލުހުން ޓުރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ މައާފުވާ ގޮތަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.

ބިލު ދިރާސާ ކުރެއްވި އިގުތިސާދީ ކޮމިޓީން ވަނީ ބިލު ދިރާސާ ކުރި އިރު ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އެގޮތުން ގާނޫނުގެ 49 ވަނަ މާއްދާ އެއްކޮށް ވަނީ ކޮމެޓީން އުނިކޮށްފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ހާއްސަ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުން އިސްތިސްނާވާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދު ކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެފަދަ އުޅަނދެއް އެތަނަކުން އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އެ އުޅަނދެއް ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

އެ އުޅަނދެއް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފެންނާނެ ގޮތަށް އާންމު ކުރަންޖެހެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދޭންޖެހެ އެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދެއް ނުގެންގޮސްފި ނަމަ އެ އުޅަނދެއް ނައްތާލުން ނުވަތަ އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އުޅަނދު ވިއްކާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

comment ކޮމެންޓް