ނަޝީދުގެ އިސްތިއުނާފު މަރުހަލާއިން ހަމަޖެހުން އަންނާނެ ކަމަށް ގަބޫލުކުރެވޭ: ރައީސް

ރައީސް ޔާމީން: ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީ މަސްލަހަތަށް ވިސްނެވުމަށްފަހު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުމުގެ މައްސަލަ އިސްތިއުނާފު ކުރެވުމުން ގައުމަށް ހަމަޖެހުން އަންނަނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ބައެއް ކައުންސިލަރުންނާއި އެކްޓިވިސްޓުން ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކޮށް ފޯމް ހަވާލުކުރުމަށް ކުރީގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީ މަސްލަހަތަށް ވިސްނެވުމަށް ފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"...އަޅުގަނޑުމެން މިކުރާ ގާނޫނީ އަދަބުތަކުގެ ތެރެއިން ވެސް އަދި ގާނޫނާ ޝަރީއަތުގެ ތެރެއިން ވެސް ކޮންމެ ވެސް ހިސާބަކުން އަޅުގަނޑުމެންނަށް ހަމަޖެހުން އަންނަން އެބަ ޖެހޭ. އެހެންވީމާ ޕްރޮސެކިއުޝަނުގައި އޮތް މައްސަލައެއް މިހާރު އެއީ. އިސްތިއުނާފާ ހިސާބަށް އެ ދިޔައީ. އެހެންވީމާ ދެން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފް ވެގެން ދިޔައިމާ ކޮންމެވެސް ކަހަލަ ހަމަޖެހުންތަކެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ރައީސް ޔާމީނު ވިދާޅު އެވެ.

ފުވައްމުލަކުގެ އެމްޑީޕީ ކައުންސިލަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ޕީޕީއެމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ވިދާޅުވީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރެއްވުމަށް ރައީސް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށާއި އެހެން ނަމަވެސް އެއީ ރައީސް ޔާމީނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ނިންމެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އެމައްސަލަ އިސްތިއުނާފް ކުރެއްވީތީ އެކަމަށް މިއަދު ވެސް މަރުހަބާ ވިދާޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރައްވަން ނިންމެވި ނިންމެވުމަކީ އަޅުގަނޑު ގަބޫލުކުރާނީ ހަމަ މިގައުމުގެ ސުލްހައަށް، މަސްލަހަތަށް ބައްލަވާފައި ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމެއް ކަމަށް. އެހެންވީމާ ހަމަ މިއަދުވެސް ހަމަ ޕްރޮސެކިއުޓާ ޖެނެރަލް އަށް ވެސް މަރުހަބާ ދަންނަވަން. އަޅުގަނޑު ބޭނުންވަނީ ރައީސް ނަޝީދުގެ މައްސަލަ ، ހައިކޯޓުން މައްސަލަ ނިމި އަދި އެންމެ ފަހުގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް މައްސަލަ ނިމިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ އެމްޑީޕީ ކައުންސިލަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ޕީޕީއެމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީއާއި ސަރުކާރާ ދެމެދު ކުރަމުން އަންނަ މަޝްވަރާ އަދިވެސް ކުރިއަށް ދާނެ ކަމަށާއި އެމްޑީޕީން މަޝްވަރާއަށް އައީ ޝަރުތުތައް ދޫކޮށްލުމަށް ފަހު ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ޕާޓީތަކާ އެކު ސަރުކާރަށް މަޝްވަރާ ނުކުރެވެނީ ނޫފުލޭ ވަރުގެ ޝަރުތުތައް ކުރިމަތި ކުރާތީ ކަމަށެވެ.

"... އެމްޑީޕީން މިކަމުގައި ހަމަ ވަރަށް ރަނގަޅު ވިސްނެވުމެއް އެބޭފުޅުން ގެންގުޅުއްވާފައި މިހާތަނަށް އެއޮތީ ޝަރުތުތަކެއް ފުރަތަމަ ހުށަހެޅުއްވި އެހެން ނަމަވެސް އަޅުގަނޑުމެން އެޝަރުތުތައް ގަބޫލުކުރަން ދަތިކަމަށް ދެންނެވިން ސަބަބު ބަޔާންކުރީމަ، އެބޭފުޅުން އެބޭފުޅުންގެ ގޮތް ދޫކޮށްލައްވާފައި ދިވެހިރާއްޖެއަށް ހަމަޖެހުން ގެންނާށާއި އަދި އެޕާޓީގެ މެމްބަރުންނަށް ވެސް ހަމަޖެހުން ގެންނަން ޝަރުތުތައް ދޫކޮށްލައްވާފައި އަޅުގަނޑުމެންނާ ވާހަކަ ދައްކަވަން ވަޑައިގަތީ،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ އެމްޑީޕީ ކައުންސިލަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ޕީޕީއެމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް