ކައުންސިލްގެ ރައީސާއި ނައިބު، ކައުންސިލް ހިންގުމުގެ ޒިންމާ އުފުލަންޖެހޭ ބިލު ބަލައިގެންފި

ކައުންސިލަރުން ތަމްރީނު ކުރުމުގެ ޕްރޮގުރަމެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ކައުންސިލްތައް ހިންގުމުގެ ޒިންމާ އެ ކައުންސިލެއްގެ ރައީސާއި ނައިބު ރައީސް ނަގާ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 43 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާއެކު ގައުމީ ސަލާމަތު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލުގައި ހިމެނޭ އެހެން މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމައެކަނި ހިމެނެނީ ކައުންސިލްތަކުގެ ބައްދަލުވުންތަކަށް ހާޒިރުވެ އެ ބައްދަލުވުންތަކުގައި އެޖެންޑާ ކުރެވޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށެވެ. އަދި ކައުންސިލްގެ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުން ވާނެ ސިޔާސަތުތައް އެކަށަ އެޅުމުގައި ކައުންސިލްގެ އެހެން މެމްބަރުން ބައިވެރިވާންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހު ހުށަހެޅުއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް: ފޮޓޯ/ މަޖިލިސް

"ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ރަށްރަށާއިފަރާއި ފަޅާއި ފިނޮޅާއި ކުޅިއާއި ހުރާ ހޯދުމާއި މިލުކު ކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓުކުރުމާއި މިފަދަ އިންވެސްޓުމަންޓުތައް ކައުންސިލުގެ ނަމުގައި މިލްކު ކުރުން،" ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

ހަލީލު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ 10000 މީހުންނަށް ވުރެއް ގިނަ އާބާދީއެއް އޮންނަ ރަށެއްގައި ކުރިން 9 ކައުންސިލަރުން ތިބޭ ތިބުން ބަދަލުކޮށް އެ އަދަދު ހަ ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅާ ކަމަށެވެ. އަދި 500 އާ 5000 އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށެއްގައި އިންތިހާބު ކުރާނީ 4 ކައުންސިލަރުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޖުމުލަ 70 އަށް ވުރެއް ގިނަ އިސްލާހު ހުށަހަޅާފައިވާ މި ބިލުގައި ކައުންސިލުގެ ރައީސްއާ ނައިބު ރައީސަށް ޒިންމާތައް ހަވާލުކޮށް އެހެނިހެން މެމްބަރުން ޕާޓު ޓައިމް ކޮށްފައިވާއިރު އެ މެމްބަރުންގެ މުސާރައާ އިނާޔަތްތައް ކަނޑައަޅާނެ ގޮތެއް ބުނެފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް