"ބޭބީ ވޯޓާ"ގެ ގޮތުގައި ރާއްޖޭގައި ވިއްކަނީ ކުޑަކުދިންނަށް ހާއްސަ އުފެއްދުންތަކެއް ނޫން: އެފްޑީއޭ

ކުޑަކުދިންނަށް ހާއްސަ ފެނުގެ ގޮތުގައި ރާއްޖެ އެތެރެކޮށްގެން ވިއްކާ ފެނަނީ ކުޑަކުދިންނަށް ހާއްސަ އުފެއްދުންތަކެއް ނޫން ކަމަށް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެފްޑީއޭ) އިން ބުނެފި އެވެ.

އެފްޑީއޭ އިން މިއަދު ބުނީ އެ އޮތޯރިޓީ އިން ދިރާސާކޮށް ބެލިބެލުމުން ތަފާތު ބްރޭންޑްތަކުގެ ނަމުގައި ދިވެހިރާއްޖެ އަށް އެތެރެކޮށް މާކެޓްކުރާ "ބޭބީ ވޯޓާ" އަކީ ކުޑަކުދިންނަށް ހާއްސަ އުފެއްދުމެއް ނޫން ކަމަށެވެ. އަދި އެ ފެނަކީ ކުޑަކުދިންނަށް ވަކި ހާއްސަ ޕްރޮޑަކްޓެއްގެ ގޮތުގައި މިންގަނޑު ކަނޑައަޅައިގެން އުފައްދާ އެއްޗެއް ނޫން ކަމަށެވެ.

"ލޭބަލްގައި "ބޭބީ ވޯޓާ" ލިޔެ ޅަފަތުގެ ކުދިންގެ ފޮޓޯ ހުރުމަކީ އާންމުންނަށް އޮޅުން އަރާފަދަ މައުލޫމާތެއްކަމުން، ކުޑަކުދިންނަށް ހާއްސަ އުފެއްދުމެއްގެ ގޮތުގައި މި އުފެއްދުން މާކެޓްކޮށް ވިއްކުމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް" އެފްޑީއޭ އިން ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަ ފެންކަމުގެ ބަދަލުގައި އެ ފެން އާންމު ބޯފެނެއްގެ ގޮތުގައި ފުޅީގެ ލޭބަލް ބަދަލުކުރުމަށް ފަހު ވިއްކުން މައްސަލައެއް ނެތް ކަމަށް ވެސް އެފްޑީއޭ އިން ބުނެފި އެވެ.

comment ކޮމެންޓް