ހުޅުމާލޭގައި ފަސް ބުރިއަށް އިމާރާތް ކުރަން ހުއްދަ ދީފި

ހުޅުމާލެ--- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި ފަސް ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު އާންމުކޮށްފި އެވެ.

މީގެ ކުރިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހުއްދަ ދެމުންދިޔައީ ހަތަރު ބުރިއަށެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން އާންމުކޮށްފައިވާ ގަވައިދު ބުނާ ގޮތުން މިހާރު 15.5 މީޓަރު އުސްމިނަށް ފަސް ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވިގެން ދެ އެވެ.

އަލަށް އެކުލަވާލި ގަވައިދު ބުނާ ގޮތުން ކޮންމެ ގެއެއްގައި ވެސް ގަރާޖެއް ހުނަން ޖެހެ އެވެ. ނަމަވެސް އެގޭގައި ކާރެއް ރަޖިސްޓުރީ ނުކުރާހާ ހިނދަކު އެގަރާޖު ފިހާރައެއް ނުވަތަ އެހެން ބޭނުމަކަށް ބޭނުން ކުރެވެ އެވެ.

އަލަށް ގެނައި ބަދަލާ އެކު ހުޅުމާލޭ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް(އެފްއެސްއައި) އަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުޅުމާލޭ ނެއިބާ ހޫޑް އެކެއްގައި އެފްއެސްއައި އަކީ 3.80 އެވެ. އަދި ނެއިބާ ހޫޑް ދޭ އަދި ތިނެއްގެ އެފްއެސް އައި އަކީ 3.20 އެވެ.

ހުޅުމާލޭގައި ފަސް ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީފައިވާއިރު ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ މާލޭގައި 20 ބުރިއަށް އިމާރާތްކުރުމަށް ހުއްދަދޭން ނިންމާފަ އެވެ.

comment ކޮމެންޓް