އިސްލާމީ މަރުކަޒާ އިންވެގެންވާ މަގުތަކުގައި ދުއްވުން މަނާކޮށް، ދެ މަގެއް ޓޫވޭއަށް ހަދަނީ

ފައިމަގުގައި އުޅޭ ސަރަހައްދު ނޫ ކުލައިގައި. އަދި ފެއްސާއި ރަތްކުލައިގެ ކުލަތަކުގެ ތީރުން ދޭހަކޮށްދެނީ ދެކޮޅަށް ދުއްވާ މަގުތައް

އިސްލާމީ މަރުކަޒު ހަރިންމަ ބޮޑުކުރުމުން، އެ މިސްކިތުގެ ތެރެއަށް ވަދެގެންދާ ދެ މަގެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް، ޗާންދަނީ މަގުގެ ބަޔަކާއި ލިލީމަގު ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތް ހަަމަޖައްސަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރަނީ، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ މެދުޒިޔާރަތް މަގުގައި ތަޅުން އެޅުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ. އެއީ ޖުމްހޫރީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން އިރުން ހުޅަނގަށް ޗާންދަނީ މަގާ ގުޅޭ ސަރަހައްދެވެ. އަދި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދުގައި އޮންނަ އަމީރު އަހުމަދު މަގުގެ ބައެއްގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ހައުސިން މިނިސްޓުރީގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒާއި ކައިރި މަގުތަކަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމުގެ ބޭނުމަކީ އިސްލާމީ މަރުކަޒުގައި ޖަމާއަތް ބޮޑުވެގެންދާ ވަގުތުތަކުގައި ފަސޭހަ ކަމާއި އެކީ ބޭނުން ކުރެވޭ ގޮތް ހެދުން ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގާފައި އުޅޭ ގޮތް ހެދުމުގެ ސަބަބުން ނަމާދު ކުރާ ވަގުތުތަކުގައި އެ ސަރަހައްދުތަކަކީ ރައްކާތެރި އަޑު މަޑު ސަރަހައްދަކަށް ވެގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ބޭނުން ވަނީ ރައްޔިތުންނަށް ހިތްފަސޭހަ ގޮތެއްގައި ސަލާމަތްތެރި ކަމާއި އެކީގައި އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމުގައި އެ ސަރަހައްދު ބަދަލުކޮށްލަ ދިނުން. އަދި އަޅުގަނޑުމެންގެ މަސައްކަތް ނިމިގެންދާއިރުގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކުރީގައި ތަަސައްވަރު ނުކޮށްދޭހާ ފުރިހަމަ ގޮތެއްގައި އެ ސަރަހައްދުގައި ނަމާދު ކުރެވޭނެ ގޮތް ވެގެން ދާތަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ސަރަހައްދަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ މަރުކަޒުގައި ގާތްގަނަޑަކަށް 25،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ސަރަހައްދަށް ގެންނަ ބަދަލުތަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި އާންމު ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ޓްރެފިކް ނިޝާންތައް ބެހެއްޓިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދަކީ ވީހާވެސް ގިނަ ފަރާތްތަކށް ހިތްހަމަ ޖެހިގެން ބޭނުންތައް ހިފޭ ހާއްސަކޮށް މިސްކިތުގެ ބޭނުން ހިފޭ މިސްކިތުގެ ޖާގަ ބިންމަތިން އިތުރު ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރު ކުރުމުގެ ވިސްނުމުގައި މި ބަދަލު އަޅުގަނޑުމެން މި ގެންނަނީ،" މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

comment ކޮމެންޓް