ތުޅާދޫގައި ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ބ. ތުޅާދޫ.. ފޮޓޯ: ގެސްޓް ހައުސް އޮފް މޯލްޑިވްސް

މީގެ ފަސް ދުވަސް ކުރިން ބ. ތުޅާދޫގައި މަރުވެފައި އޮތް ތުއްތު ކުއްޖެއް ފެނުނު މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ކައިވެނިން ބޭރުން ވިހި 18 އަހަރު އަންހެން ކުއްޖެއްގެ ހަތް މަހުގެ ދަރިފުޅު މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާގެ ގޭގެ ފާހާނާގެ ފެންހިންދާ ނިޒާމުގެ ތެރެއިންނެވެ. އެ ކުއްޖާ ފެނުނު އިރު ކުއްޖާ މަރުވިތާ 48 ގަޑިއިރު ވެފައިވާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އަދި ވެސް އެ ރަށުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް އިތުރު ތަހުގީގުތައް ކުރުމަށް ފަހު ވަނީ ވަޅުލާފަ އެވެ.

އެ ރަށު ގެެއެއްގެ ފާހާނާ ތެރޭގައި ވިހާފައިވާ އެ ތުއްތުކުއްޖާ އަކީ ދުވަސް ނުފުރައި ހަތް މަހުގައި ވިހާފައިވާ ކުއްޖެކެވެ. އަށާރަ އަހަރުގެ އަންހެނަކު ވިހެއި ކަމަށް ބުނާ އެ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ އަންހެން މީހާ ބަނޑުބޮޑުކަން އެ ރަށުގެ މީހުންނަށް އެނގުނީ ވެސް ވިހެއި ފަހުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އެގުޅުމެއް ހިނގާފައި ވަނީ އެއަންހެން ކުއްޖާއާއި ބިދޭސީއަކާ މެދުގަ އެވެ. އެއީ ދެ ލޯބިވެރިންނެވެ.

comment ކޮމެންޓް