އީރާނުން 300 އަށްވުރެ ގިނަ ފަސިންޖަރު މަތިންދާ ބޯޓު ގަންނަނީ

އީރާނުގެ ގައުމީ އެއާލައިން އީރާން އެއާ ގެ ބައެއް މުވައްޒަފުން

ތެހެރާން (އޮގަސްޓް 3): ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 300 އަށްވުރެ ގިނަ ފަސިންޖަރު މަތިންދާ ބޯޓު ގަތުމަށް ރާވާފައިވާކަން އީރާނުން ހާމަކޮށްފި އެވެ.

އީރާނުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ އަހަރަކު 80 ބޯޓާއި 90 ބޯޓާ ދެމެދުގެ އަދަދަކަށް ފަސިންޖަރު މަތިންދާ ބޯޓު ފަސް އަހަރު ވަންދެން ގަތުމަށް ރާވާފައިވާ ކަމުގަ އެވެ. އެ އޮތޯރިޓީގެ ވެރިޔާ މުޙައްމަދު ޚުދާކަރާމީ ވިދާޅުވީ އެކި ސައިޒްގެ އެ ބޯޓުތައް ގަންނާނީ އެމެރިކާގެ ބޮއިންގް ކުންފުންޏާއި ޔޫރަޕްގެ އެއާބަސް ކުންފުނިން ކަމަށެވެ. އީރާނަށް މަތިންދާ ބޯޓު ނުވިއްކުމަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދުނިޔޭގެ ބާރުތަކާއި އީރާނާދެމެދު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ދަށުން ވަނީ އުވާލުމަށް ނިންމާފަ އެވެ.

އެ ފިޔަވަޅުތައް އުވާލިކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕުން އިޢްލާން ކުރާނެ ކަމަށް ބެލެވިފައިވެ އެވެ. އަދި އެމެރިކާގެ ކޮންގްރެސުން ނިއުކްލިއާ އެއްބަސްވުން ތަސްދީގު ކުރާއިރަށް އެމެރިކާއިން ވެސް މަތިންދާ ބޯޓާއި އޭގެ ސްޕެއާޕާޓްސް އީރާނަށް ވިއްކުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އީރާނަށް މަތިންދާ ބޯޓު ނުވިއްކުމަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ ވައިގެ ފްލީޓް ވަނީ ވަރަށް ބާވެފަ އެވެ. އީރާނުގެ ވައިގެ ފްލީޓްގައި މަދުވެގެން 23 އަހަރުނުވާ އެންމެ ބޯޓެއް ވެސް ނެތްކަމަށްވެ އެވެ.

އީރާނުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ ބުނާ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ފަސިންޖަރު މަތިންދާ ބޯޓުގެ 400 ބޯޓު ބޭނުންވެ އެވެ. އީރާނުގެ ވައިގެ ފްލީޓްގައި މިހާރު އޮތީ 100 އެއްހާ މަތިންދާ ބޯޓެވެ. މީގެ ތެރޭގައި ރަޝިޔާގައި އުފައްދާފައިވާ ފަސިންޖަރު މަތިންދާ ބޯޓުތައް ވެސް ހިމެނެ އެވެ. އީޜާނުގެ ވައިގެ ފްލީޓް ބޮޑުކޮށް އައި އައު ކުރުމަށްޓަކައި ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި މުޅިން އައު މަތިންދާ ބޯޓުގެ 300 މަތިންދާ ބޯޓު ގަންނަންޖެހޭ ކަމަށާއި އެ ބޯޓުތައް ގަތުމަށް ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 1.7 ޓްރިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށްވެސް އީރާނުން ލަފާކުރެއެވެ.

އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ފާސްކޮށްފަ އެވެ. އެއާއެކު ޔޫރަޕުންވަނީ ޔޫރަޕްގެ ބިޔަ އަދި މަލްޓިނެޝަނަލް ކުންފުނިތައް އީރާނުގައި މަސައްކަތްކޮޮށް އިންވެސްޓް ކުރުމުގެ ހުއްދަ ދޭންފަށާފަ އެވެ. އިއްޔެ ވެސް ފަރަންސޭސިވިލާތާއި ޖަރުމަނުން ވަނީ އެ ގައުމުގެ ބައެއް ކުންފުނިތަކަށް އީރާނުގައި މަސައްކަތްކޮޮށް އިންވެސްޓް ކުރުމުގެ ހުއްދަ ދީފަ އެވެ. މީގެ ތޭރޭގައި ތެލުގެ ކުންފުނިތައް ވެސް ހިމެނެ އެވެ.

ނިއުކްލިއާ އެއްބަސްވުމާ ގުޅިގެން އެމެރިކާ އާއި ޔޫރަޕުން ވަނީ ހުޅަނގުގެ ބޭންކުތަކުގައި ފްރީޒް ކޮށްފައިވާ އީރާނުގެ 150 އެއްހާ ބިލިޔަން ޑޮލަރު އަނބުރައި އީރާނަށް ދިނުމަށްވެސް އެއްބަސްވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު