ލެޑް ލައިޓް ދިއްލާއިރަށްވުރެ ދުވާލު ލޯޑް ބޮޑު: ސްޓެލްކޯ

ޕްލާސްޓިކް ގަސްތަކުގައި "ލެޑް ލައިޓް" ހަރުކޮށްގެން ސަލްޓަން ޕާކްގައި ތައްޔާރުކޮށްފައިވާ ޕާކް-- ސަން ފޮޓޯ/ އަލީ ނަސީރު

މުޅި މާލެ ޒީނަތްތެރިކުރަން "ލެޑް ލައިޓް" ދިއްލާއިރަށް ވުރެ ދުވާލު ވަގުތު ކަރަންޓު ލޯޑް ބޮޑު ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގެ މައި އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ލޯޑް ކުޑަކުރުމަށް މިއަދު 3:00 ޖަހަން ދެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް މިއަދު 'ސަން' އަށް ވިދާޅުވީ ރޭގަނޑު ވަގުތު މާލޭގެ ބޮޑުބައެއްގައި ބޮކިތައް ދިއްލައި ޒީނަތްތެރިކޮށްފައިވީ ނަމަވެސް ރޭގަނޑަށް ވުރެ ކަރަންޓުގެ ލޯޑް ބޮޑު ވަނީ ދުވާލު ވަގުތުތަކުގައި ކަމަށެވެ.

"ދުވާލު އެއާކޮންޑިޝަންތައް ގިނަވީމާ ދުވާލު ލޯޑް ބޮޑުވާނެ ރޭގަނޑަށް ވުރެ، ރޭގަނޑަށްވާ ގޮތަކީ މިހާރު ފިނިވީމާ އެއާ ކޮންޑިޝަންތައް ބޭނުން ކުރާލެއް މަދުވުމާއި ވޯކްޝޮޕްތައް ވެސް ބަންދުވުމުން ހެވީ މެޝިނަރީ ބޭނުން ކުރުން މަދުވުމުން، އެހެންވެގެން ދުވާލު ކަރަންޓް ކަނޑަން ޖެހިފަ ރޭގަނޑު ކަރަންޓު ކަނޑަން ނުޖެހެނީ،" ރައޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ސަރަހައްދު ތަކުން ކަރަންޓު ކެނޑިޔަސް ގަޑިއިރަކަށް ވުރެ ކުރިން އަނބުރާ ކަރަންޓު ދޭނެ ކަމަށެވެ.

ސްޓެލްކޯގެ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސްޕެއާ ޕާޓްސް ގެނެސް މިމަސް ނިމުމުގެ ކުރިން އެކަން ހައްލުކޮށް އަނބުރާ ކަރަންޓު ދޭން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ރައޫފު ވިދާޅުވި އެވެ.

comment ކޮމެންޓް