ސީސީގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީވުމަކީ އެމެރިކާގެ މުނާފިގުކަން ދޭހަވާ ކަމެއް: މިސްރުގެ އިދިކޮޅު ފަރާތްތައް

ޖޯންކެރީ އާއި މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ

ގާހިރާ (އޮގަސްޓް 3) : އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މިސްރަށް ވަޑައިގެން މިސްރަށް އަސްކަރީ އެހީ އާއި ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް އިޢްލާން ކުރެއްވުމުން މިސްރުގެ އިދިކޮޅު ފަރާތްތަކުން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ގައުމުން ބޭރުގައި އުޅުއްވާ މިސްރުގެ އިދިކޮޅު ބައެއް ލީޑަރުން ވަނީ މިއީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ހިމާޔަތް ކުުރުމުގެ ނަމުގައި އެމެރިކާ ދައްކަމުން ގެންދާ ވާހަކަތަކާ އެމެރިކާގެ އަމަލު ދިމާނުވާ ކަމަށް ވިދާޅުވެފައެވެ.

ޖޯންކެރީ މިސްރަށް ވަޑައިގެން މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ އާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެރީ ވަނީ މިސްރު ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ޙިމާޔަތް ކުރަންޖެހޭނެކަމަށް އެމެރިކާ ދެކޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މިސްރަށް މިހާރު ކުރިމަތިވެފައިވާ ހަމަނުޖެހުންތައް ނިމުމަކަށް އަންނާނީ ޒިންމާދާރު އިދިކޮޅު ޕާޓީތަކެއް ހަރަކާތްތެރިވުމުގެ ފުރުސަތު ދީގެން ކަމަށް އެމެރިކާ ދެކޭކަމަށް ވެސް ކެރީ ވިދާޅުވި އެވެ. މިބައްދަލުކުރެއްވުމަށްފަހު މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ ނޫސްވެރިންނަށް ދެއްވި ބަޔާނުގައި މިފަދަ އެއްވެސް ކަމަކަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް މިސްރުން މިނިވަން ނޫސްވެރިން ހައްޔަރު ނުކުރާކަމަށާއި މިސްރުން ހައްޔަރުކޮށްފައި ވަނީ ކުށްކޮށް އަދި މިސްރުގެ ގާނޫނުތަކާ ޚިލާފު ފަރާތްތައްކަމަށް ޝުކުރީ ވިދާޅުވި އެވެ. މިއީ ކެރީގެ ވާހަކަފުޅު ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެމެރިކާގެ އެއްވެސް ފިއްތުމެއް މިސްރަށްނެތްކަން ހާމަވާކަމެއްކަމަށް މިސްރުގެ މީޑިޔާ ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މިސްރަށް ވަޑައިގެން މިއުޅުއްވަނީ އެމެރިކާއާއި މިސްރާ ދެމެދު ބާއްވާ ސްޓްރެޓީޖިކް މަޝްވަރާތަކާބެހޭ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެމެރިކާއާއި މިސްރާ ދެމެދު ބާއްވާ ސްޓްރެޓީޖިކް މަޝްވަރާތަކާބެހޭ ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެރީ ވަނީ އެމެރިކާއި މިސްރުގެ ގުޅުންތަކަކީ ޒަމާނުއްސުރެ ހަރުދަނާ ގުޅުންތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި މިސްރާގުޅިގެން އެމެރިކާ މަސައްކަތްކުރާނެކަމަށާ މިސްރަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެމެރިކާއާއި މިސްރުގެ ގުޅުންތައް ބިނާވެގެންވަނީ ދެގައުމަށްވެސް ލިބޭ ފުރްސަތުތަކުގެ ބޭނުންކުރުމުގެ މައްޗައް ކަމަށާ ބިރުދެއްކުމުގެ މައްޗަށް ނޫންކަމަށްވެސް ކެރީ ވިދާޅުވިއެވެ.

މިސްރުގައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރި ޑިމޮކްރެޓިކް ސަރުކާރު އަސްކަރީ އިންގިލާބެއްގައި ވައްޓާލައި އެސަރުކާރުގެ ރައީސް ޑރ. މުޙައްމަދު މުުރުސީ އާއި އިދިކޮޅު އެހެން ލީޑަރުންތައް ޖަލަަށްލުމާގުޅިގެންވެސް އެމެރިކާއިން މިސްރާ ދެކޮޅަށް މާބޮޑު ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ނަމަވެސް އަސްކަރީ ބައެއް އެހީތައް ކުރުމުއްދަތަކަށް މެދުކަނޑާލިއެވެ. ނަމަވެސް މިސްރުގެ ޙާލަތު ބަދަލުނުވެ ޖެނެރަލް ސީސީގެ ވެރިކަން އިތުރަށް ހަރުކަށިވެެގެން ދާ މިދަނޑިވަޅުގައި އެމެރިކާ މިވަނީ އަސްކަރީ އެހީތައް އަލުން މިސްރަށް ދޭންފެށިކަން އިޢްލާންކޮށްފައެވެ. މިގޮތުން މިދިޔަ ހަފްތާގައި އެމެރިކާ ވަނީ އެފް 16 ގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ 8 ބޯޓުވެސް މިސްރަށް ވިއްކާފައެވެ.

ޑރ. މުރުސީގެ ވެރިކަން ވައްޓާލި އިންގިލާބީ ލީޑަރު އަދި މިސްރުގެ މިޙާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކުރާ އެތަށް ހާސްބައެއްގެ ގަޔަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރަމުން ގެންދާއިރު މިސްރުގެ ކޯޓުތަކުން ގެންދަނީ ގިނައަދަދެއްގެ އިދިކޮޅު ލީޑަރުންގެ މައްޗަށް މަރުގެ ހުކުމްތައްވެސް އިއްވަމުންނެވެ. މަރުގެ ހުުކުމް އިއްވި އިދިކޮޅު ލީޑަރުންގެ ތެރޭގައި ކުރީގެ ކުރީގެ ރައީސް މުރުސީ ހިމެނެއެވެ.

މިފަދަ ދަނޑިވަޅެއްގައި މިސްރާއެކު އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކޮށް ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުމަށް އެމެރިކާ ނިންމި ނިންމުމަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތް ކުުރުމުގެ ނަމުގައި އެމެރިކާ ދައްކަމުން ގެންދާ ވާހަކަތާ މުޅިން ޚިލާފު މުނާފިގު ގޮތްތަކެއްކަމަށް ސިފަކޮށް މިސްރުގެ އިދިކޮޅު ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު