ޗެލްސީ ބަލިކޮށް އާސެނަލް ކޮމިއުނީޓީ ޝީލްޑް ކާމިޔާބުކޮށްފި

އާސެނަލް ކުޅުންތެރީން މި ސީޒަންގެ އެފްއޭ ކޮމިއުނިޓީ ޝީލްޑާއެކު -- ފޮޓޯ: އެއިލީ މެއިލް

އިނގިރޭސިވިލާތުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑްގައި މިރޭ ލީގު ޗެމްޕިއަން ޗެލްސީގެ މައްޗަށް މިދިޔަ ސީޒަންގެ އެފްއޭކަޕް ޗެމްޕިއަން އާސެނަލް 1-0 ލަނޑުގެ ނަތީޖާއަކުން ކުރިހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ޓްރާންސްފާގައި ޗެލްސީން ހޯދަން މަސައްކަތްކުރި އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު އެލެކްސް އޮކްލޭޑް-ޗެމްބަލެއިން އެވެ. ޗެމްބަލެއިން އެ ލަނޑު ކާމިޔާބުކުރީ ތިއޯ ވޮލްކަޓް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އާސެނަލް މޮޅުވި ލަނޑު ޗެލްސީގެ ގޯލަށް ވައްދައިލުމަށްފަހު އެލެކްސް އޮކްލޭޑް-ޗެމްބަލެއިން އުފަލުން ދުވަނީ -- ފޮޓޯ: ޑެއިލީމެއިލް

އާސެނަލުން ކޮމިއުނިޓީ ޝީލްޑް ޖެހިޖެހިގެން ދެވަނަ ފަހަރު ހޯދިއިރު، މިއީ އެޓީމުގެ ކޯޗް އެލެކްސް ވެންގާއަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯގެ މައްޗަށް ހޯދުނު ފުރަތަމަ ކާމިޔާބީ އެވެ. މީގެ ކުރިން މޮރީނިއޯއާ ދެކޮޅަށް 13 ފަހަރެއްގެ މަތިން ވާދަކޮށް ވެންގާއަށް ވަނީ ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ.

ފުރަތަމަ ހާފްގައި ޗެލްސީގެ ރެމިރޭސްއަށް ނަތީޖާ ހަމަހަމަކުރާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ލޮއިކް ރެމީ ތަނަވަސްކޮށްދިން ފުރުސަތަކުން ރަމިރޭސް ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާގޮތެއް ނުވި އެވެ.

ޗެލްސީގެ ފޯވާޑް އަދި އާސެނަލްގެ ކުރީގެ ކެޕްޓަން ސެސް ފެބްރިގާސް އާސެނަލްގެ ދެކުޅުންތެރީން ކައިރިން ބޯޅަ ހޯދައިގެން ދަނީ -- ފޮޓޯ: ޑެއިލީމެއިލް

މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީން އެޓޭކިން ގޭމެއް ކުޅެފައިވާއިރު، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އޮސްކާ އާސެނަލް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލެވޭތޯ އެޑިން ހަޒާޑް މަސައްކަތްކުރި ނަމަވެސް، އާސެނަލްގެ ގޯލްބަލަހައްޓަމުން ދިޔަ ޗެލްސީގެ ކުރީގެ ގޯލް ކީޕަރު ޕީޓަރ ޗެކް ވަނީ ބޯޅަ ދިފާއުކޮށް ބޭރުކޮށްލައިފައެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ގޯލްކީޕަރު ޗެލް އާސެނަލަށް ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ހަމަލާތަކެއް ދިފާއުކޮށްފައި ވެއެވެ.

ޗެލްސީ ކުޅުންތެރީން އާސެނަލް ގޯލަށް ފޮނުވާލި ބޯޅައެއް އެޓީމުގެ ކުރީގެ ގޯލްކީޕަރު ޕެޓަރ ޗެކް ދިފާއުކުރަނީ -- ފޮޓޯ: ޑެއިލީމެއިލް

މެޗާ ބެހޭގޮތުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، އޭނާގެ ޓީމުގެ ޑިފެންސުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި މިފަހަރުގެ ޕްރި-ސީޒަންގައި ރަނގަޅުވުމުން އޭގެ ފައިދާ މި މެޗުގައި ފެނިގެން ދިޔަކަމަށެވެ.

ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، މުޅި މެޗުގައި ވެސް އޭނާގެ ޓީމުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި އިދިކޮޅު ޓީމުން ފެނިގެން ދިޔައީ 10 ކުޅުންތެރީން ޑިފެންސްކުރަމުން ދިޔަ މަންޒަރު ކަމަށެވެ.

"އާސެނަލުން ބެލީ ގޯލް ކުރިމަތީގައި 10 ކުޅުންތެރީން ބައިތިއްބައިގެން ވަރަށް އޯގަނައިޒްޑް ފުޓްބޯޅައެއް ކުޅެވޭތޯ. އެމީހުންނަށް ކައުންޓާ އެޓޭކްގައި ދެ ހަމަލާއެއް އުފެއްދުނު. އެކަމަކު އަހަރެމެން މުޅި މެޗުގައި ވެސް ވަރަށް އޯގަނައިޒްކޮށް އެޓޭކިން ގޭމެއް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިން،" ވެންގާގެ ޑިފެންސިވް ކުޅުމަށް ފާޑުކިޔަމުން މޮރީނިއޯ ބުންޏެވެ.

comment ކޮމެންޓް