ހެނބަދޫ ދަނޑުގައި ލައިޓް ހަރުކުރުމަށްފަހު ހުޅުވައިފި

ހެނބަދޫ ދަނޑުގައި ލައިޓް ޖެހުމަށް ފަހު ރޭ އެ ދަނޑު މައުރޫފު ހުޅުއްވައިދެއްވަނީ --- ސަން ފޮޓޯ

ނ. ހެނބަދޫ ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ފެންވަރަށް ލައިޓް ހަރުކުރުމަށް ފަހު ހުޅުވައިފި އެވެ. އެ ދަނޑު ހުޅުއްވައިދެއްވީ ހެނބަދޫގައި ރޭ އޮތް ރަސްމިއްޔާތެއްގައި، ހެނބަދޫ ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މައުރޫފެވެ.

ހެނބަދޫ ދަނޑު ރޭގަނޑު ދިއްލޭ ފެންވަރަށް ތަރައްގީކޮށްފައި ވަނީ، މައުރޫފުގެ އަމިއްލަފުޅު ޚަރަދުގަ އެވެ. މި މަސައްކަތުގެ ދަށުން ދަނޑުގައި ވަނީ، ތިން ލައިޓް އެކުލެވޭ ހަ ދަނޑި ޖަހައިފަ އެވެ.

އެމްޑީއޭގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ މައުރޫފު މިއަދު "ސަން" އަށް ވިދާޅުވީ، ހެނބަދޫ ޒުވާނުންނަކީ ފުޓުބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށާއި، ރޭގަނޑު ކުޅެވޭ ފެންވަރަށް ދަނޑު ތަރައްގީވެ ބޭނުން ގަޑިއެއްގައި ފުޓުބޯޅަ ކުޅެވޭނެ ފުރުސަތު ލިބުމުން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކުވެރިކަން އިތުރަށް އާލާވެގެން ދާނެ ކަމަށެވެ.

"ދުވާލުގެ ވަގުތުތައް މިދަނީ ވަރަށް ބިޒީކޮށް ވަޒީފާގެ މަސައްކަތުގަ އާއި އެހެނިހެން ކަންކަމުގަ. އެހެންވީމަ ދުވާލު ކުޅެން ދިއުން ވެސް މިއޮންނަނީ ފަސޭހަ ކަމަކަށް ނުވެފަ. ރޭގަނޑު ކުޅެވޭނެ ގޮތް ފަހިވުމުން ޒުވާނުން ބޭނުން ވަގުތެއްގައި ކުޅުމުގެ އިޚުތިޔާރު ލިބިގެން ދިޔައީ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތަށް ގާތްގަނޑަކަށް 350،000 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

ހެނބަދޫ ދަނޑު ޒަމާނީ ފެންވަރަށް އިތުރަށް ތަރައްގީ ކުރުމަށް ޓަކައި، ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.

ހެނބަދޫ ދަނޑު ހުޅުވުމުގެ ގޮތުން، ރޭ ވަނީ އެ ދަނޑުގައި، ދާއިރާގެ ރަށެއް ކަމުގައިވާ ކުޑަފަރީއާ އެކު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. އެ މެޗުގައި މައުރޫފު ވެސް ވަނީ ކުޅުއްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު