އުރީދޫގެ އަމާޒު: މެދުއިރުމައްޗަށްދޭ ފެންވަރުގެ އިންޓަނެޓް ހިދުމަތް ދިނުން!

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފަސް ސަތޭކައަށް ހުރި މޯބައިލް ސިމް 30 ރުފިޔާއަށް އަގުހެޔޮވެގެން ދިޔައީ އުރީދޫ (ކުރިން ވަތަނިއްޔާ) އިން ރާއްޖެއައުމުން އުފެދުނު ވާދަވެރި މާކެޓެއްގެ ސަބަބުންނެވެ. މުއާސަލާތީ ހިދުމަތްތައް ދިވެހިންގެ އަތްފޯރާ ފަށަށް އައުމުގެ އަސްލަކީއެއީ އެވެ. އެކަން އެހެން އޮއްވައި އަނެއްކާ ވެސް މިވަނީ ދިވެހިން، އުރީދޫއާ މެދު އެފަދަ އުންމީދުތަކެއް ކުރަން ފަށައިފަ އެވެ. މިފަހަރުގެ އުންމީދަކީ "ފިކްސްޑް ލައިން" އިންޓަނެޓް ހެޔޮއަގެއްގައި ރަނގަޅު ފެންވަރެއްގައި ލިބިގެންދިއުމުގެ އުންމީދެވެ.

މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ (އައިއެސްޕީ) ލައިސަންސް ސަރުކާރުން ދީފައިވާ އިރު އުރީދޫ އިން މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އުރީދޫއަށް އެ ހުއްދަ ލިބުމާ އެކު ގިނަ ބައެއްގެ ތެރޭގައި ވާހަކަ ދެކެވިގެން ދިޔައީ "ދެން އަގުހެޔޮ ވެދާނެ" ކަމަށެވެ. ހަމައެއާ އެކު އެހިދުމަތުގެ ފެންވަރާ މެދު ވެސް ކުރެވޭ އުންމީދު ބޮޑެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި އުރީދޫއަކީ ބައިނަލްއަގުވާމީ ގޮތެއްގައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާ އިރު އެ ކުންފުނިން މެދުއިރުމަތީގެ ގައުމުތަކަށް ވެސް ހިދުމަތްދޭ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެއަށް ހިދުމަތް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ.

"އުރީދޫ އަކީ އެތައް ގައުމުތަކެއްގައި ބޭނުން ކުރާ އެއްޗެއް. އެހެންކަމުން އެތަންތަނުގެ ލޭޓެސްޓް ޓެކޮނޮލޮޖީ ބޭނުން ކުރުމަށް ގަސްދުކުރަން. އެގޮތުން ގަތަރު އަދި އޮމާން ފަދަ ތަންތަނުގައި މިހާރު ވެސް އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަމުން. އަޅުގަނޑުމެން ގަސްދު ކުރަނީ އެ ޓެކްނޮލޮޖީތައް ރާއްޖޭގައި ވެސް ބޭނުން ކުރަން،" ވިކްރަމް ވިދާޅުވި އެވެ.

އެގައުމުތަކަށް ބަލާ އިރު އެއީ ހަލުވި އިންޓަނެޓުގެ ހިދުމަތް ލިބޭ ގައުމުތަކެވެ. ގަތަރުގައި އިންޓަނެޓް ސްޕީޑް އުޅެނީ ފިކްސްޑް ލައިންގެ ހިދުމަތްދޭ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ގަދަ 10ގެ ތެރޭގަ އެވެ. އެއީ 62.8 އެމްބީޕީއެސް އެވެ. މިދިޔަ އަހަރު އުރީދޫއިން އެގައުމަށް އެފެންވަރަށް ހިދުމަތް ދޭން ފެށިިއރު އެއީ ވޭތުވެދިޔަ އަހަރަށްވުރެ 72 މަތީ އަދަދެކެވެ.

ރާއްޖެއަށް ފައިބާ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެން ހިދުމަތް ދިނަސް އެންމެ ރަނގަޅު ސްޕީޑު ނުދެވޭ ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑެވެ. ގޭގެއާއި އޮފީސް މާހައުލުތަކުގައި ވެސް އިންޓަނެޓު ސްޕީޑު ނުލިބި އެތައް މަސައްކަތަކަށް ބުރޫ އެރުމަކީ ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކެވެ. އުރީދޫގެ އަމާޒަކީ ފައިބާ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެން މުޅި މާލެ ކަވަރުކޮށް މެދުއިރުމަތީ ގައުމުތަކުގައި ދެވިގެންދާ ފަދަ ހަލުވި ސްޕީޑެއްގައި އިންޓަނެޓުގެ ހިދުމަތް ދިނުމެވެ.

"އަޅުގަނޑުމެންގެ ވިޝަން ހުރީ ގޭގޭގައި ލައިވް ޓީވީ ސްޓްރީމްކޮށް ޔޫޓިއުބް ކަހަލަ އެއްޗެހި [ބެލޭނެ ފުރުސަތު ދިނުން]. މިހާރު ވެއްޖެއްޔާމު ހުރިހާ ޓީވީއެއް މިހުންނަނީ ފުލް އެޗްޑީ ނޫނީ އަލްޓްރާ އެޗްޑީ. އެހެންވީމަ އަން ބަފާޑް ވީޑީއޯ އެއްޗިހި ސްޓުރީމް ކުރެވެންޖެހޭ،" އުރީދޫގެ އަމާޒާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ފިކްސް ލައިން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ އަށް ދިނުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިއަދު އެންމެންގެވެސް ޝަކުވާއަކީ އިންޓަނެޓު ފޯރުކޮށްދިނުމަށް ނަގާ އަގާއި ދޭ ހިދުމަތާއި ބައްދަލުނުވުމެވެ. ހަމައެއާ އެކު މިހާރު ނަގާއަގަކީ ބޮޑު އަގެއް ކަމަށް ބުނެ ކުރާ ޝަކުވާވެސް މަދެއްނޫނެވެ. މިއާއެކު މުއާސަލާތީ ހިދުމަތުގެ އަގު ދަށަށް ގެންދިޔަ އުރީދޫ އާއި މެދު ކުރެވޭ އުންމީދު ބޮޑެވެ. އުރީދޫއިން ހިދުމަތް ފޯރުކޮށްދޭނެ އަގާއި މެދު ސީއީއޯ ވިކްރަމް ވިދާޅުވީ އަގުތަކުގެ ތަފްސީލް ހާމަ ކުރަން އަދި އަވަސް ކަމަށާއި އެކުންފުނީގެ އަމާޒަކީ "އެންމެ ފުރިހަމަ ކޮލިޓީ، ރަނގަޅު އަގުތަކާ އެކު ފޯރު ކޮށްދިނުން" ކަމަށެވެ.

"މީގެ 10 އަހަރު ކުރިން އުރީދޫ އައިސްފައިވާއިރު އަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކީ އެންމެ ރަނގަޅު ކޮލިޓީ ފޯރުކޮށްދިނުން. އެއީ ކަސްޓަމަރުން އަބަދުވެސް އެކްސްޕެކްޓް ކުރަނީ އެންމެ ރަނގަޅު ހިދުމަތެއް. އެކަމަކު ކުންފުނިތަކުގެ ވާދަވެރިކަން އިތުރުވާން ފެށުމުން އެންމެންވެސް ބޭނުންވާނީ ރަނގަޅު ކޮލިޓީ އާއެކު ރަނގަޅު ޕްރައިސް ޓެގެއް އޭގައި އިނުން. އެހެންކަމުން އުރީދޫ އިން މަސައްކަތް ކުރަނީ އެ ހުރިހާ ކަމަކަށް ބަލާފައި ހިދުމަތްތައް ފޯރު ކޮށްދޭން،" ވިކްރަމް ވިދާޅުވި އެވެ.

ހަލުވި އިންޓަނެޓު ވާދަވެރި މާހައުލެއްގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އުރީދޫއަށް ސަރުކާރުން ހުއްދަ ދީފައިވަނީ މުޅި ރާއްޖެއަށް އެހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށެވެ.

އުރީދޫ-- ސަން ފައިލް ފޮޓޯ

އުރީދޫގެ ސީއީއޯ ވިކުރަމް ވިދާޅުވީ، އުރީދޫގެ އަމާޒަކީ ދެތިން އަހަރެއްގެ ތެރޭގައި މުޅި ރާއްޖެއަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވާއިރު ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި މާލެއަށާއި ހުޅުމާލޭގެ އިތުރުން ރިސޯޓުތަކަށް އިންޓަނެޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ގޭތަކަށް އިންޓަނެޓު ހިދުމަތް ފޯރުކޮށްދޭން ކުރިއަށް އޮތް ހައެއްކަ މަސްތެރޭ ފެށޭނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.

"ދެ ސެގްމެންޓަކަށް ވެސް މިހާރު ހުރީ އެ ހިދުމަތްތައް ދޭން ތައްޔާރުވެފައި. އެއީ ރިސޯޓުތަކަށާއި ކޯޕަރޭޓްތަކަށް. ކޯޕަރޭޓްތަކަށް ދޭން އަދި ހަމަޖެހިފައި ވަނީ މާލެއާއި ހުޅުމާލެއަށް. އޭގެ އިންފްރާސްޓްރަކްޗާ އޮތީ ތައްޔާރު ކޮށްފައި. ނަމަވެސް ގެތަކަށް ފިކްސްޑް ލައިންތައް ފޯރުކޮށްދިނުމަށް އަދި ހަތަރެއް ނުވަތަ ހަ މަސް ދުވަސްވާނެ،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ އިން އިންޓާނެޓު ހިދުމަތް ފޯރުކޮށްދޭން ފެށުމާ އެކު އިންޓާނެޓު ފޯރުކޮށްދިނުމުގެ މާކެޓުގެ އަގަށާއި ހިދުމަތުގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެއީ ކުރެވޭ ބޮޑު އުންމީދެކެވެ.

comment ކޮމެންޓް