ސާއިދަކީ ފަހުރެއް، ގައުމީ ބަޠަލެއް: ނައިބު ރައީސް

ސާއިދު ދުވުމެއް ނިންމާލަނީ: އޭނާ ވަނީ ދުވެގެން ރާއްޖެއަށް ރަން މެޑަލެއް ހޯދައިދީފައި -- ފޮޓޯ: އެމްއޯސީ

އެތުލެޓިކްސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑައްޔެއް ހޯދައިދިން ހަސަން ސާއިދަކީ ގައުމީ ބަޠަލެއް ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރީޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ގޯލްޑް މެޑަލް ހޯދާފައި ވާއިރު މިއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި ބައިނަލްއަގްވާމީ ރަންމެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން ސާއިދަށް ތައުރީފުކޮށް ނައިބު ރައީސް އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާއިރު، އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވެސް ނުވަނީސް ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ލިބިއްޖެ ކަމަށެވެ.

"ރައީސް ޔާމީން ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީގެން ދެ އަހަރު މަސައްކަތް ކުރެއްވި އިރު މިހާރު މިއޮތީ ރާއްޖެއަށް ރަންމެޑަލެއް ލިބިފައި. ސާއިދު ތިއީ ގައުމީ ބަތަލެއް އަދި ފަހުރެއް!" އަދީބުގެ ޓްވީޓުގައިވެ އެވެ.

ނައިބު ރައީސް އަދީބު ކުރެއްވި ޓުވީޓު

ސާއިދު ވެސް ވަނީ އެ ޓުވީޓަށް ޖަވާބުދީ ޓުވީޓެއް ކޮށްފަ އެވެ. ސާއިދުގެ ޓުވީޓުގައި ބުނެފައި ވަނީ ދިވެހި ސަރުކާރާއި ރައީސް ޔާމީން އަދި ނައިބު ރައީސް އަދީބު އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ސާއިދަށް ތައުރީފުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކާއިރު ކުރީގެ ރައީސް މައުމޫން ވެސް ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ޓުވީޓުގައި ވެސް ވަނީ ސާއިދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި އެއީ ގައުމީ ބަތަލެއް ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓް

މިއަދު ހެނދުނު ހީޓުގެ އެއް ވަނަ ހޯދައި ފައިނަލަށް ދަތުރުކުރި ސާއިދު، މިރޭ އޮތް ފައިނަލް އިވެންޓުގައި އެއް ވަނަ ހޯދީ މޮރިޝަސްގެ ދެ ދުވުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

comment ކޮމެންޓް