ސާއިދު ރާއްޖެއަށް ރަންމެޑަލް ހޯދައިދީފި

އައިއޯއައިޖީގައި 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށް ފަހު، ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޝުކުރުގެ ސަޖިދައެއް ކުރަނީ -- އެމްއޯސީ ފޮޓޯ: ހުސައިން ސިނާން

ރިޔޫނިއަންގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކުރި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެ މުބާރާތުން ރަންމެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ބާރު އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު: އައިއޯއައިޖީގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ސާއިދު ވަނީ ރަންމެޑަލް ހޯދާފައި -- އެމްއޯސީ ފޮޓޯ: ހުސައިން ސިނާން

ސާއިދު 100 މީޓަރު ދުވުމުގެ ރޭސް ނިންމާފައި ވަނީ 10.51 ސިކުންތުންނެވެ.

ދެކުނު އޭޝިއާގެ ވެސް އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ހީޓުން އެއްވަނަ ހޯދައި އެ އިވެންޓުގެ ފައިނަލަށް ދަތުރުކުރީ،މިއަދު މެންދުރު އަށް އެތުލީޓުންނާ ވާދަކޮށް 10:86 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖޭގެ ދުވުންތެރިއަކު މިހާތަނަށް ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ސާއިދު ވަނީ މިދިޔަ ޖޫން މަހު ޗައިނާގެ ވޫހާންގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުގައި ވާދަކޮށް އެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށް ފައެވެ. އެގޮތުން އެފަހަރު އޭނާ ވަނީ 21.19 ސިކުންތުން ރޭސް ނިންމައިގެން ގައުމީ ރެކޯޑް އާކޮށްފައެވެ.

ސާއިދުގެ އިތުރުން މި މުބާރާތުގެ 10،000 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު ވަނީ އެ އިވެންޓުން ބްރޯންޒް މެޑަލް ހޯދައި ގައުމީ ރެކޯޑު އާކޮށްފައެވެ. ޝަމްހާ ރޭސް ނިންމާފައި ވަނީ، 45 މިނިޓް 12.36 ސިކުންތުންނެވެ.

comment ކޮމެންޓް