ދަސްވާރު ޕްރޮގްރާމުގައި 1،000 އަށްވުރެ ގިނަ ކުދިން މިއަހަރު ބައިވެރިވި: މިނިސްޓަރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

ސަރުކާރުން ކުރިއަށް ގެންދާ "ދަސްވާރު" ޕްރޮގްރާމުގައި މިހާރު 1،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަދު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސްކޫލުތަކުން ޖުމްލަ 1،000 އެއްހާ ކުދިން އެ ޕްރޮގްރާމްގައި މިއަހަރު ބައިވެރިވެފައިވާއިރު އެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ރާއްޖޭގެ ހުރިހާ ރަށްތަކުގެ ސްކޫލް ތަކުގައި ވެސް ދަސްވާރު ޕްރޮގްރާމް ބާއްވާ ގޮތައް ހަމަޖައްސައިފިން. މިހާރުވެސް ވަރަށް ގިނަ ރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށްދޭ. އެގޮތުން ޕްރޮގްރާމް ގައި ރާއްޖޭގެ އެކި ހިސާބު ތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމު މުސްތަގުބަލުގައި ކުދި ރަށްތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމަކީ، ތިން މާއްދާއިން ފާސް ނުވާ ކުދިންގެ އާބާދީ ކުޑަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެންމެ މަދުވެގެން ތިން މާއްދާއިން ފާސް ވުމަކީ ވަޒީފާގެ މާހައުލަށް ނިކުންނަ އިރު ބޭނުންވާ އެއްޗެއް ކަމަށް ވުމަކީ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ އަހަރު ސަރުކާރުން ވަނީ "ވޮކޭޝަނަލް" ޕްރޮގްރާމެއް ފަށާފައެވެ. އެކެޑެމިކަލީ ރަނގަޅު ނޫން ކުދީން ގްރޭޑް 10 ނިމެން ވާއިރު ވަޒީފާގެ މާހައުލަށް ތައްޔާރު ކުރުމަށް ފެށި އެ ޕްރޮގްރާމަކީ ކިޔެވުމުގެ އިތުރުން މަސައްކަތުގެ އެކި ދާއިރާތަކަށް އަމަލީ ޓްރެއިނިންތަކެއް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް