ނަވާޒު ޝަރީފް ހަދިޔާ ފޮނުއްވި ނަމަވެސް މޯދީގެ ރައްދެއް ނެތް!

އަނބުތަކެއް: ޕާކިސްތާނުން އިންޑިއާއަށް އަނބު ފޮށިގަނޑުތައް ހަދިޔާއަށް ފޮނުވި ނަމަވެސް ބަދަލުގައި ޕާކިސްތާނަށް އަދި ހަދިޔާއެއް ނުލިބޭ --

ޕާކިސްތާނުގެ ސަގާފަތުގެ ދަށުން މިއަހަރު ވެސް އީދުގެ މުނާސަބަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ހަދިޔާގެ ގޮތުގައި އަނބު ފޮށިގަނޑެއް ފޮނުއްވި ނަމަވެސް އެކަމުގައި މޯދީގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ރައްދެއް ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނިމިގެންދިޔަ އީދުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވަނީ އާދައިގެ މަތިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް އަނބު ފޮށިގަނޑެއް ފޮނުއްވައިފަ އެވެ. ޕާކިސްތާނުގެ ސަގާފަތެއްގެ ދަށުން ކޮންމެ އަހަރަކު ވެސް އެގައުމުގެ ވެރި މީހާ އިންޑިއާގެ ވެރި މީހާ އަށް މިގޮތަށް އަނބުފޮށިގަނޑެއް ފޮނުއްވަ އެވެ.

ނަމަވެސް މިހާތަނަށް އައި އިރު އިންޑިއާއިން ބަދަލުގެ ގޮތުގައި އެއްވެސް ހަދިޔާއެއް ދީފައެއް ނުވެ އެވެ. އަދި އެ އަނބުތަކަށް ހަދަނީ ކިހިނެއްތޯ ވެސް އެ ގައުމަކުން ހާމައެއް ނުކުރެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި މިގޮތަށް އަނބު ހަދިޔާކުރުމަކީ ސުލްހައިގެ އިޝާރާތެކެވެ. ނަމަވެސް މިހާތަނަށް އައި އިރު މިގޮތަށް ބަދަލުކުރާ ހަދިޔާ ފޮށިގަނޑުން ދެ ގައުމުގެ ގުޅުމަށް އެއްވެސް ފޮނިމީރުކަމެއް އައިސްފައެއް ނުވެ އެވެ.

ނަވާޒް ޝަރީފު މިފަހަރު މޯދީ އަށް ފޮނުއްވީ 10 ކިލޯގެ އަނބެވެ. އަދި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީއަށް 15 ކިލޯގެ ދޮން އަނބު ފޮނުއްވިއިރު ކުރީގެ ދެ ބޮޑުވަޒީރުން ކަމުގައިވާ އަތަލް ބިހާރީ ވަޖުޕާއީ އާއި މަންމޯހަން ސިންގަށް ވެސް ކޮންމެ ބޭފުޅަކަށް 10 ކިލޯގެ އަނބު ފޮނުއްވި އެވެ.

ސަގާފަތުގެ ތެރެއިން ޕާކިސްތާނުން އިންޑިއާއަށް އަނބު ފޮށިގަނޑުތައް ފޮނުވި ނަމަވެސް، ދެ ގައުމުގެ ގުޅުން ބަދަހިނުވެ އެ ދެގައުމުގެ ސުލްހައިގެ ވާހަކަތައް މިހާރު ވަނީ މަޑުޖެހިލާފަ އެވެ.

comment ކޮމެންޓް