މިލިޓަރީ މަޝްރޫއުތަކަށް ރާއްޖޭގައި ޖާގަނެތް ކަމަށް ވިދާޅުވުމުން އެމްޑީޕީން ނާއިބު ރައީސް އަށް މަރުހަބާ ކިޔައިފި

އެމްޑީޕީ ދިދައެއް ހިފައިގެން މީހަކު --- ސަން ފައިލް ފޮޓޯ

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި މިލިޓަރީ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު މިސަރުކާރުން ނުދޭނެ ކަމަށް ނައިބް ރައީސް އަހަމަދު އަދީބު ވިދާޅުވެފައިވާތީ އިދިކޮޅު އެމްޑީޕީން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީން އެކަމަށް މަރުހަބާ ކިޔާ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ ދަ ހިންދޫ ނޫހަށް އަދީބު ދެެއްވާފައިވާ ހާއްސަ އިންޓަވިއެއްގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނީ އިގުތިސާދީ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އަދި މިލިޓަރީ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ޓަކައި އުފާކުރާ ކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ މިލިޓަރީ އެފަދަ އެއްވެސް މަޝްރޫއެއް ހިންގުމަށް ބޭރުގެ ފަރާތަކަށް ދީފި ނަމަ އިންޑިއާގެ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ އަދީބު ހާއްސަ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އިންޑިއާ އިން ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށެވެ.

"...ހަނދުމަފުޅު ބަހައްޓަވާ ރައީސް ޔާމީނަކީ ސޯފާ [ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް] އެއްގެ ދަށުން އަސްކަރީ މަރުކަޒެއް ގާއިމްކުރަން އެމެރިކާ އިން ހުށަހެޅުމުން އެކަމާ ދެކޮޅު ހެއްދެވި ބޭފުޅެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް އަވަށްޓެރިއަކު، އިންޑިއާ.... ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް. އަވަށްޓެރިންނަށް ނުރައްކަލަކަށްވާ ފަދަ ހާލަތެއްގައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވެފައި ވަނީ އެފަދަ މަޝްރޫއެއް (އަސްކަރީ މަރުކަޒެއްގެ މަޝްރޫއެއް) ރާއްޖޭގައި ހިންގަން ޗައިނާ އިން ދުވަހަކު ވެސް ޝައުޤުވެރިކަން ފާޅު ނުކުރާ ކަމަށެވެ. ނަމަވެސް ޗައިނާ އިން ޝައުގުވެރިވަނީ އެއާޕޯޓްތައް ފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމުގައި ރާއްޖެއާ ބައިވެރިވުމަށާއި ރާއްޖެ އަށް ލޯނު ދޫކުރުމަށް ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިނުމާ ބެހޭ މަޝްރޫއުތައް ވީޙާވެސް ދެ ފުށްފެންނަ މަޝްރޫއުތަކަށް ހެދުމަށް އެމްޑީޕީ އިން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. އަދި އެ ބިންތައް ދެނީ ގައުމީ ތަރައްގީއާ ގައުމުގެ ކުރިއެރުމަށް ބާރު އާޅާ މަޝްރޫތަކަށް ކަމަށް ދެކޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް އެ ބިންތަކުގައި ފައްޅިއެއް ނޭޅޭނެ ކަމަށާއި އަދި ޖުވާކުޅުމާއި ގާނޫނު އަސާސީއާ ޚިލާފު ކަންތައް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް