ވިނަގަނޑުގެ ހާލަތާ މެދު ކަންބޮޑުވާކަށް ނުޖެހޭ، ދެ ހަފުތާ ތެރޭގައި އަލުން ރޯވާނެ: މިނިސްޓަރު އުމަރު

ގައުމީ ފްޓްބޯޅާ ދަނޑުގައި އެޅި ހަރު ކާޕެޓްތައް ނަގަނީ. ކާޕެޓްތަކުގެ ސަބަބުން ދަނޑުގެ ވިނަތައް ވަނީ މަރުވެފައި --- ފޮޓޯ/ ފޭސްބުކް

މިނިވަން 50ގެ ކުޅިވަރުތަކަށް ބޭނުން ކުރި ގައުމީ ފުޓްބޯޅަ ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ދަނޑުގެ ވިނަތައް އޮތް ހާލަތާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ދެ ހަފުތާގެ ތެރޭގައި ދަނޑުގެ ވިނަތައް ރޯވާނެ ކަމަށް ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޢުމަރު މިހެން ވިދާޅުވީ ދަނޑުގައި އެޅި ހަރު ކާޕެޓްތައް ނެގި އިރު ދަނޑުގެ ވިނަތައް މަރުވެފައިވުމުން އެކަމާ ގުޅިގެން އާންމުންނާއި ފަސްޓް ޑިވިޝަންގެ ބައެއް ކްލަބުތަކުގެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ބެހޭ ގޮތުން އެފްއޭއެމް ނޯމަލަިޒޭޝަން ކޮމިޓީގެ މެންބަރު އަދި ކުރީގެ މަޝްހޫރު ފޫޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޢުމަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މިނިވަން 50ގެ ކުޅިވަރުތަކާ ގުޅިގެން ރައްޔިތުންނަށް ލިބުނު އުފާވެރިކަމާ ބަލާފައި ދަނޑަށް ލިބުނީ ވަރަށް ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.

މިނިވަން 50ގެ ކުޅިވަރުތަކުގައި ބޭނުން ކުރި ހަރު ކާޕެޓް ދަނޑުގެ ވިނަގަނޑުގައި އަޅަން ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.

ދަނޑުގެ ވިނަތައް މަރުވެފައިވާ އިރު ލީގް މެދުކަނޑާލީ މިނިވަން 50ގެ ހަރަކާތްތައް ބޭއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށާއި ރީޔޫނިއަންގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ގައުމީ ޓީމް މުބާރަތަށް ތައްޔާރު ވުމުގެ ގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ގަ އެވެ. އަލުން ލީގް ފަށާނީ މި މަހު ދިހަ ވަނަ ދުވަހުގެ ފަހުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަތަކަކީ ފީފާ އިން ގަބޫލު ކުރާ ސްޓޭންޑަޑްގެ ވިނަތަކެކެވެ. ވިނަތައް މަތީގައި 15 ދުވަސް ވަންދެން ކާޕެޓް އަޅާފައި ހުއްޓެވެ.

މި އަހަރު ތެރޭގައި މީގެ ކުރިން ވެސް ވަނީ ދަނޑުގެ ވިނަތައް ކޮންމެވެސް ވަރަކަށް ހަލާކުވެފަ އެވެ. އެއީ އާ އަހަރު ފެށުން ފަހަގަ ކުރުމަށާއި އެއް މިލިއަން ޓުއަރިސްޓް ކައުންޓްޑައުން ފެށުމަށް ބޭއްވި ދެ ޝޯއަށް ހެދި ސްޓޭޖް ދަނޑުގައި ހެދުމުންނެވެ.

comment ކޮމެންޓް