ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ

ވެއްޓުނު މަތިންދާބޯޓްގެ މައިގަނޑު. ފޮޓޯ: ސީއެންއެން

(ބޮގޯޓާ،ކޮލަމްބިއާ. އޭޕީ) ކޮލަމްބިއާ ސިފައިންގެ މީހުން އުފުލާ މަތިންދާބޯޓެއް އެގައުމުގެ އުތުރަށް ވެއްޓި 11 މީހުން މަރުވެއްޖެ އެވެ.

ކޮލަމްބިއާ އެއާފޯސް ބުނީ ސީއޭއެސްއޭ-235 މަރުކާގެ މަތިންދާބޯޓް ގެއްލުމުގެ އިންޖީނަކަށް މައްސަލައެއް ޖެހުނުކަން އެބޯޓް ގެއްލުމުގެ ކުރިން އެނގުނު ކަމަށާއި އޭގެ ފަހުން ސިސާރް ޕްރޮވިންސަށް އެބޯޓް ވެއްޓިފައި އޮއްވައި ފެނިފައިވާ ކަމަށެވެ.

ކޮލަމްބިއާ އެއާފޯސްގެ ކޮމާންޑަރު ޖެނެރަލް ކާލޯސް ބިއުނޯ ވިދާޅުވީ ބޯޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮލަމްބިއާގެ ނޫސް އެޖެންސީތަކުން ބުނީ އެބޯޓް ވެއްޓުނީ ޖާސޫސީ މަސައްކަތްތަކެއް ކުރުމަށް އަސްކަރީ މަރުކަޒަކުން އުދުއްސައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓަށް ހޮނު އެޅުމުގެ ސަބަބުން ކަމަށެވެ.

ބޯޓް ވެއްޓުމުގެ ސަބަބުން މަރުވި ސިފައިންގެ އާއިލާތަކަށް ސޯޝަލް މީޑިއާ ޓްވިޓާ މެދުވެރިކުރައްވައި ކޮލަމްބިއާގެ ރައީސް ޔުއާން މަނުއަލް ސަންތޯސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. މަރުވި ސިފައިންގެ ތެރޭގައި ކޮލަމްބިއާ ސިފައިންގެ ހަތަރު އޮފިސަރުން ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ އިސް މީހަކީ މޭޖާ އަލްބޭރްތޯ ލޮމްބާނާ އެވެ.

comment ކޮމެންޓް