ނުކުޅެދުންތެރިކަން ހުންނަ ދެ މުވައްޒިފުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަންފަށައިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގައި މަސައްކަތް ކުރަމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ ދެ ކުދިންނަށް އެކުންފުނީގެ މުއައްޒިފުންތަކެއް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންވެސް އަދި ޖެންޑާ މިނިސްޓްރީން ވެސް ވަނީ އެފަދަ މައްސަލައެއް ހުށަހެޅިގެން ތަހުގީގު ކުރަމުން އަންނަކަން ސަން އަށް ކަށަވަރުކޮށްދީފައެވެ.

އެދެ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ވަޒީފާ ދިނުމުގެ ޕުރޮގުރާމުގެ ތެރެއިން އެސްޓީއޯ އިން ވަޒީފާ ލިބިފައިވާ އެއް މާބަނޑު ދެބެއިންނެވެ. އެ ދެ ފިރިހެން ކުދިންގެ އުމުރަކީ 25 އަހަރެވެ. އެދެ ކުދިންނަކީ އުމުރަށް ވުރެ ސިކުނޑި ޅަވުމުގެ މައްސަލަ ދިމާވެފައިވާ ދެބެއިންނެވެ.

އެދެ ބެއިންގެ އާއިލާގެ މެމްބަރަކު ސަން އަށް އެވާހަކަ ކިޔައިދެމުން ބުނީ އެސްޓީއޯގައި މަސައްކަތް ކުރަމުން ދިޔަ އެދެ ކުދިންނަށް އެކުންފުނީގެ ތިން ފިރިހެނަކު ޖިންސީ ގޯނާ އެތައް ފަހަރެއްގެ މަތީން ކޮށްފައިވާ ކަމަށެވެ.

"އެތަނުގައި އުޅޭ ތިން މުއައްޒަފަކު އެކުދިންނަށް ޖިންސީ ގޯނާ މިކުރަނީ، އެދެކުދިން އެވާހަކަތައް އެބަ ކިޔައިދޭ." އެކުދިންގެ ދައްތަ ސަން އަށް ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެކުދީންގެ ބަޔާން ވެސް ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރު މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލައެއްގެ ތަހުގީގު ކުރިޔަށް އެބަދާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގުން އެ ކަމުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ކަމަށް އެނގިއްޖެ ނަމަ، އެއީ ކުންފުނީގެ ކޮންމެ މުވައްޒަފެއް ވިޔަސް ފިޔަވަޅު އަޅުއްވާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"އެފަދަ މައްސަލައެއްގެ ތަހުގީގު ކުރިޔަށް އެބަދޭ. އެހެންވީމަ އެކަމާ އަޅުގަނޑު އަދި މި ވަގުތު މާ ގިނަ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ދެއްތޯ! އެކަމަކު އަޅުގަނޑުމެން ތަހުގީގަށް ފުރިހަމަ އެއްބާރުލުން އެބަދެން. އަދި އެއީ ހަގީގަތެއް ނަމަ އެކަމާ މެދު އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން،" ޝަހީރު ވިދާޅުވި އެވެ.

އެމައްސަލަ ފެންމަތި ވުމުން އާއިލާއިން މިހާރު ވަނީ އެދެ ކުދިން އެކުންފުންޏަށް ވަޒީފާއަށް ފޮނުވުން ހުއްޓާލާފައިވާ ކަމަށް ޢާއިލާއިން ބުންޏެވެ.

އެހެން ނަމަވެސް އެސްޓީއޯގެ އެމްޑީ ވިދާޅުވީ އެދެކުދީންގެ ތެރެއިން އެއްކުއްޖަކު ވަޒީފާއިން ވަކިކުރީ ފާހަގަ ކުރެވުނު ބައެއް ކަންކަމާ ގުޅިގެން އެސްޓީއޯ އިން ކަމަށެވެ.

comment ކޮމެންޓް