މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމަށް އެކަށޭނަ މާހައުލެއް އުފައްދަން އެބަ މަަސައްކަތް ކުރަން: ނާއިބު ރައީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޔާމީނު ސަލާމްކުރައްވަނީ. ފައިލްފޮޓޯ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ދަތުރުކުރައްވަން އެކަށީގެންވާ މާހައުލެއް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަދީބު ވިދާޅުވެފައި ވަނީ މޯދީ ރާއްޖެ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅު ކެންސަލް ކުރެއްވީ ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ.

"...ބޮޑުވަޒީރުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ މިތަނުގައި އިދިކޮޅު މީހުން އުތުރި އަރަމުންދިއުމުގެ ސަބަބުން. އެމީހުން މަސައްކަތް ކުރަމުން ދިޔައީ މާލޭގައި އޮތް ސަރުކާރު ވައްޓައިލަން. ހަމަނުޖެހުމުގެ މެދު ތެރެއަށް ވަޑައިގަންނަވަން މޯދީ ބޭނުންވެވަޑައި ނުގެންނެވި ސަބަބު އަޅުގަނޑުމެންނަށް އިނގޭ. މޯދީ އަވަހަށް ރާއްޖެ އަށް ވަޑައިގެންނެވުމަށް އެކަށޭނަ މާހައުލު އުފެއްދުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ "ސަރުކާރުން ނަޝީދާ މެދު އަމަލު ކުރި ގޮތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ގޯސްވެފައި.ބޮޑު ވަޒީރު މޯދީ ދަތުރުފުޅު ކެންސަލް ކުރައްވައިފި. ގުޅުން ރަނގަޅު ކުރެއްވުމަށް އުއްމީދުކުރައްވަންތޯ؟" މިސުވާލު ދަ ހިންދޫ އިން ކުރުމުންނެވެ.

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީ ބަދަލު ކުރި ކުރުމުން އިންޑިއާއަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރަށް ދީފައިވާނެ ކަމަށް ވެސް އަދީބުގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ. އަދީބު މިހެން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއަށް އެ ބަދަލު ގެނައުމުން އިންޑިއާ އިން ކަންބޮޑުވުން ފާޅު ކުރިތޯ ދަ ހިންދޫއިން ސުވާލު ދެންނެވުމުންނެވެ.

އަވަށްޓެރިންނަށް ނުރައްކަލަކަށްވާ ފަދަ ހާލަތެއްގައި އޮންނަން ރާއްޖޭން ބޭނުން ނުވާ ކަމަށް ވެސް ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި އަދީބު ވިދާޅުވި އެވެ.

"...ހަނދުމަފުޅު ބަހައްޓަވާ ރައީސް ޔާމީނަކީ ސޯފާ [ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް] އެއްގެ ދަށުން އަސްކަރީ މަރުކަޒެއް ގާއިމްކުރަން އެމެރިކާ އިން ހުށަހެޅުމުން އެކަމާ ދެކޮޅު ހެއްދެވި ބޭފުޅެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް އަވަށްޓެރިއަކު، އިންޑިއާ.... ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް. އަވަށްޓެރިންނަށް ނުރައްކަލަކަށްވާ ފަދަ ހާލަތެއްގައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އަދީބު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް